ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި މޮޅުވާން ދަނިކޮށް ރެއާލް ވަޔަޑޮލިޑުން އެ ޓީމު ހިފަހައްޓައިފިއެވެ. މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތްއިރު، މީގެކުރީން އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާންގެ ޕްލޭނުގައި ނުހިމެނި ބާކީވެފައި ތިބި ކުޅުންތެރިންކަމަށްވާ ގަރެތު ބޭލް އާއި ހަމޭސް ރޮޑްރިގޭޒް ވަނީ ވޭތުވެދިޔަ ދެ އަަހަރުގެ ތެރޭގައި ފުރަތަމަ އެގާރައިގައި ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންގޮސްފައެވެ. 

މީގެއިތުރުން، ރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލުކާ މޮޑްރިޗް ނުކުޅޭއިރު، ދުވަސްތަކަކަށްފަހު ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު އިސްކޯ އަށް ވެސް ފުރަތަމަ އެގާރައިން ޖާގަދީފައިވެއެވެ. އަދި އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުކުޅޭ ކުޅުންތެރިންގެ ތެރޭގައި އެޑެން ހަޒާޑް އަދި ފާލެންޑް މެންޑީ ހިމެނެއެވެ.

ރެއާލްގެ ސަންޓިއާގޯ ބާނެބެއުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައިރު، ދެ ޓީމަށްވެސް ގޯލެއް ކާމިޔާބުކުރެވިފައެއްނުވެއެވެ. އެގޮތުން، މި ހާފުގައި އެ ޓީމުގެ ސާބިއާ ފޯވާޑް ލުކާ ޖޮވިޗް އަދި ބޭލްގެ އިތުރުން ރޮޑްރިގޭޒް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ރެއާލްގެ ބޭލް ފޮނުވާލި ހަމަލާ ވަޔަޑޮލިޑްގެ ކީޕަރު ޖޯޑީ މެސިޕް މަތަކުރިިއިރު އޭގެފަހުން ޖޮވިޗް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. އެކަމަކު، މެޗުގެ 82 ވަނަ މިިނެޓުގައި ކަރީމް ބެންޒެމާ ޖަހައިދިން ގޯލުން އެ ޓީމު މޮޅުވާން ދަނިކޮށް، އޭގެ ހަ މިނެޓުފަހުން މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ވަޔަޑޮލިޑްގެ ސާޖެއީ ގާޑިއޯލާ ޖެހި ގޯލުން އެ ޓީމުން އެއްވަރުކުރިއެވެ.

ރޭގެ ނަތީޖާއާއެކު، ލީގުގެ އެއްވަނައިގައި އުޅެނީ ގްރެނެޑާ އަތުން 1-0 އިން ހޯދީ މޮޅާއެކު ހަ ޕޮއިންޓް ހަމަކޮށްފައިވާ ސެވިއްޔާ އެވެ. ދެވަނައިގައި އުޅެނީ ހަތަރު ޕޮއިންޓާއެކު ރެއާލްއެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެތެރޭގައި، ލެގަނޭސްއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅޭ މެޗުގެ އިތުރުން ބާސެލޯނާއާ ރެއާލް ބެޓިސް ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ. ބެޓިސްއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 00:00 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.