އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ އެންމެ ކުރީގައި އުޅޭ ދެ ޓީމުގެ ކުރިމަތިލުމުގައި އާސެނަލްގެ މައްޗަށް ކުރިހޯދައި ލިވަޕޫލުން ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 3-1 އިންނެވެ.

ރޭގެ ނަތީޖާއާއެކު ލިވަޕޫލަށް މިހާތަނަށް ކުޅުނު ތިން މެޗުން ސައްތައިގެ ރެކޯޑަކާއެކު އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް އާސެނަލަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތީ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. އެ ޓީމަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މި މެޗު ފެށިގެން އާސެނަލުން ވަރަށް ބޮޑަށް ޑިފެންސަށް އިސްކަންދީގެން ކުޅެފައިވާއިރު، ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދީ ލިވަޕޫލުންނެވެ. ނަމަވެސް، ކައުންޓާއެޓޭކުގައި އާސެނަލުން ދިޔައީ ލިވަޕޫލްގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ. އެކަމަކު، އެ ޓީމުގެ ނިކޮލަސް ޕެޕޭ އާއި ޕިއޭ-އެމެރިކް އޯބަމަޔަން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ސަޑިއޯ މާނޭ އާއި ސަލާހަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އެހެންނަމަވެސް، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ޖޮއެލް މެޓިޕް ބޮލުން ފޮނުވާލައިގެން ވައްދާލި ލަނޑާއެކު އެ ޓީމުން މި ހާފު ނިންމާލީ 1-0 އިން ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު ވަރަކަށް މިނެޓުގެތެރޭގައި ލިވަޕޫލްގެ ސަލާހަށް އާސެނަލްގެ ޑޭވިޑް ލުއިޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ވައްދާލައި ސަލާހު ވަނީ އެ ޓީމަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ. 

އޭގެފަހުން، މެޗުގެ 58 ވަނަ މިނެޓުގައި ލިވަޕޫލްގެ މިޑްފީލްޑަރު ފަބީނިއޯ ދިން ބޯޅައަކުން ސަލާހު ވަނީ އިތުރު ލަނޑެއްޖަހައި އެ ޓީމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އާސެނަލަށް ސުން ކަނޑުވާލައިދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ލޫކަސް ޓޮރޭރާ އެވެ.

ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި، މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް އަތުން ބަލިވެފައެވެ. އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ލިބުނު މަދު ފުރުޞަތުތަކުގެ ބޭނުންހިފައި ކުރީން ލީޑްނެގީ ޕެލަސް އިންނެވެ. 

ފުރަތަމަ ހާފުގައި ޕެލަސްގެ ޖޯޑަން އަޔޫ ކާމިޔާބުކުރި ގޯލުން ލީޑްނަގާފައިވަނިކޮށް، ނަތީޖާ ހަމަހަމަކުރުމަށް ޔުނައިޓެޑްގެ މާކަސް ރަޝްފޯޑަށް ލިބުނު ޕެނަލްޓީ ވައްދާނުލެވުނެވެ. އެކަމަކު، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް އެ ޓީމުގެ ޒުވާން ވިންގާ ޑެނިއަލް ޖޭމްސްގެ ލަނޑުން އެއްވަރުކޮށްފައިވަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ޕެލަސް މޮޅުކޮށްދިނީ ޕެޓްރިކް ވޭން އާންހޯލްޓް އެވެ. މިއީ 1991 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑް އަތުން ޕެލަސް މޮޅުވި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނޯވިޗް ސިޓީ އަތުން ރަށުން ބޭރުގައި 3-2 އިން ޗެލްސީ މޮޅުވިއިރު، ވަޓްފޯޑް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ވެސްޓްހޭމް ޔުނައިޓެޑް އަތުން ބަލިވެފައެވެ. އެސްޓަން ވިލާ އިން 2-0 ގެ ނަތީޖާއަކުން އެވަޓަން ބަލިކުރިއިރު، ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން ސައުތުހެމްޕްޓަން މޮޅުވީވެސް ހަމަ އެ ނަތީޖާއިންނެވެ. މީގެއިތުރުން، ލެސްޓާ ވަނީ 2-1 ގެ ނަތީޖާއަކުން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.