ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނަ ފަނޑިޔާރަކު އައްޔަން ކުރެވުނީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށްވީތީ، އެކަމާއި  ފަޚުރުވެރިވާ ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިގޮތަށް ވިދާޅުވެފައި މިވަނީ، އަންހެނުން ފަނޑިޔާރުކަމަށް އިސްކުރުމާއި ބެހޭގޮތުން އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މެންބަރުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާޢުއާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި، އެއީ ހުއްދަކަމެއް ނޫން ކަމަށް ނިންމާފައިވާ ނިންމުމާއި ދެކޮޅަށް އިއްޔެ ޓްވީޓެއް ކުރެއްވުމުން، އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ކުރެއްވި ޓްވީޓުގައި ރައީސް މައުމޫން ވިދާޅުވީ، މީގެ 12 އަހަރު ކުރިން، އެންމެ ފުރަތަމަ ރާއްޖޭގައި އަންހެން ފަނޑިޔާރަކު އިސްކުރެއްވި ރައީސަކަށް އެމަނިކުފާނު ވެވަޑައިގަތުމުން އެކަމާއި ފަޚުރުވެރިވާ ކަމަށެވެ. އަދި އެ ނިންމުމަކީ އަންހެނުންގެ ހައްޤުތައް ޙިމާޔަތްކޮށް ދެޖިންސުގެ ހަމަހަމަކަން ޤާއިމް ކުރުމުގެ ގޮތުން ނިންމާފައިވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންހެން ފަނޑިޔާރުކަން ކުރުމާއި ބެހޭގޮތުން އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތާއި މެދު ހޯދި ހޯދުންތަކަށްފަހު، އެއީ އިސްލާމް ދީނުގައި ހުއްދަ ނޫން ކަމެއް ކަމަށް ފަތުވާ މަޖިލީހުން ނިންމާފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް ރައީސް މައުމޫން ވިދާޅުވެފައި ވަނީ، އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ވަރަށް ގިނަ އިލްމުވެރިން ވިދާޅުވެފައިވާ ކަމަށެވެ.

އަންހެން ފަނޑިޔާރުންގެ ބަހުޝް ހޫނުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ލަފާއަރުއްވާފައިވުމާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.