ޖަރުމަން ބުންޑަސްލީގާގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު ކާމިޔާބުކުރި ދެލަނޑުން ކޮލޯން އަތުން ބޮރޫޝިއާ ޑޯޓްމަންޑުން މޮޅުވެއްޖެއެވެ. މި މެޗުން ޑޯޓްމަންޑް މޮޅުވީ 3-1 އިންނެވެ.

މި ނަތީޖާއާއެކު ޑޯޓްމަންޑް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ސައްތައިގެ ރެކޯޑަކާއެކު ލީގު ތާވަލްގެ އެންމެ ކުރިއަށް ޖެހިލާފައެވެ. ކޮލޯން އަށް އަދި ޕޮއިންޓެއް ލިބިފައިނުވާއިރު އެ ޓީމު އޮތީ 15 ވަނައިގައެވެ.

ކޮލޯންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެށިގެން ޑޯޓްމަންޑްގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ކުރީން ލީޑްނެގީވެސް ކޮލޯން އިންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުގެ އެލްޔެސް ސިހީރީ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މިލަނޑުޖަހައިދިނީ ޑޮމިނިކް ޑްރެކްސްލާ އެވެ.

މި ހާފުގައި ޑޯޓްމަންޑަށް ލަނޑުޖެހުމަށް މާ ރަނގަޅު ފުރުޞަތުތަކެއް ލިބިފައިނުވާއިރު، އެންމެ ރަނގަޅު ފުރުޞަތެއްލިބުނީ އެ ޓީމުގެ ކެޕްޓަން މާކޯ ރޮއިސް އަށެވެ. ނަމަވެސް، ހިލޭޖެހުމަކުން ރޮއިސް ފޮނުވާލި ބޯޅަ ކޮލޯންގެ ގޯލްކީޕަރު ޓިމޯ ހޯން މަތަކުރިއެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ކޮލޯން ކުރީގައިއޮވެގެންނެވެ.

ރޭގެ މެޗުގައި ޑޯޓްމަންޑުން ލަނޑެއްޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތްވީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުގެ ތޯގަން ހަޒާޑް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ޖޭޑަން ސަންޗޯ ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، ޑޯޓްމަންޑްގެ ފުލްބެކް ލޫކަސް ޕިޒްޗެކް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން އަޝްރަފް ހާކިމީ އެ ޓީމަށް ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑްނަގައިދިންއިރު، މެޗުގެ އިތުރުވަގުތުގައި ޑޯޓްމަންޑްގެ އަވަސް އެޓޭކަކުން އިތުބާރު ވިންގާ ސަންޗޯ ތަނަވަސްކުރި ފުރުޞަތަކުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ސްޕެއިނުގެ ފޯވާޑް ޕަކޯ އަލްކަސާ އެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ރަށުން ބޭރުގައި ޝާލްކާއާ ދެކޮޅަށް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން 21:30 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.