ޕީއެސްޖީ އަށްް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ގެންދިއުމަށް ރެއާލް މެޑްރިޑުން މަޝްވަރާތައް ފެށުމަށްޓަކައި އެ ކްލަބުގެ ވަފުދެއް ޕެރިހަށް ގޮސްފައިވާކަމަށް ސްޕެއިނާއި ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރެއާލުން ނޭމާ ގެންދިއުމުގެ މަސައްކަތް ފެށީ، އެ ޓީމުން ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގެންދިއުމަށް ކުރި މަސައްކަތުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުމުން ބަދަލުގައި ދުނިޔޭގެ ފެންވަރުގެ ސުޕަ ސްޓާރެއް ގެނައުމުގެ އުއްމީދުގައެވެ.

މީގެއިތުރުން، މި ފަހަރުގެ ޓްރާންސްފާ ބާޒާރު ފެށުނީއްސުރެއް ނޭމާ ގެންދިއުމަށް އޭނާގެ ކުރީގެ ކްލަބު ބާސެލޯނާ އިން ކުރި މަސައްކަތުގައި ކުރިއެރުމެއް ލިބިފައެއްނުވެއެވެ. އެގޮތުން، ބާސެލޯނާ އިން އެކި ފަހަރުމަތީން ނޭމާ ގެންދިއުމަށް ހުށަހެޅި އެއްވެސް ގޮތަކަށް ޕީއެސްޖީން އެއްބަހެއްނުވިއެވެ. އެގޮތުން، ކުޅުންތެރިއަކާއެކު ފައިސާ ދީފައި ގަންނަން ހުށަހެޅުމުންނާއި، ލޯން އެއްބަސްވުމުގެ ދަށުން ގެންދަން ކުރި ބިޑަށްވެސް ޕީއެސްޖީން ވަނީ ނޫނެކޭ ބުނެފައެވެ.

މީގެކުރީން، ނޭމާ ބްރެޒިލްގެ ސަންތޯސް އަށް ކުޅުނު ދުވަސްވަރު ވެސް އޭނާ ގަންނަން ރެއާލުން މަސައްކަތްކުރި އެވެ. އެކަމަކު އެ ފަހަރު ނޭމާގެ ސޮއި ހޯދުމުގައި ކުރިހޯދީ ވާދަވެރި ބާސެލޯނާ އިންނެވެ. އެ ކްލަބަށް ބަދަލުވުމަށްފަހު ރަނގަޅު ކުޅުމެއް ދައްކާފައިވީނަމަވެސް، މީގެ ދެ އަހަރު ކުރިން ޕީއެސްޖީ އަށް 222 މިލިއަން ޔޫރޯ އަށް ނޭމާ ބަދަލުވީ ލިއޮނަލް މެސީގެ ހިޔަނިން ސަލާމަތްވުމަށްޓަކައެވެ. އެކަމަކު ޕީއެސްޖީގައިވެސް އަނިޔާ އާއި ތަފާތު އެކި މައްސަލަތަކާ ހެދި ނޭމާ އަށް އަސްލު ކުޅުން ދެއްކޭ ގޮތެއްނުވިއެވެ.

ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރެއާލުން ނޭމާ ގެންދިއުމަށްޓަކައި ރަނގަޅު ހުށަހެޅުމަކާއެކު އެ ޓީމުން ދާދިފަހުން އެއިންތްރަކް ފްރޭންކްފަޓް އިން ގެނައި ސާބިއާގެ ފޯވާޑް ލުކާ ޖޮވިޗް ވެސް ބަދަލުގައި ދިނުމަށް ވިސްނަމުންދާ ކަމަށް ވެއެވެ. އަދި ޕީއެސްޖީން ގޯލްކީޕަރެއް ގެނައުމަށް ކުރާ މަސައްކަތުގައި ރެއާލްގެ ކީޕަރު ކޭލޯ ނަވާސް އަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

ނޭމާގެ ޓްރާންސްފާ ކަންތައްތަކާމެދު ޕީއެސްޖީގެ އެންމެ އިސްކޮށްއުޅޭ ސަޕޯޓަރުންވެސް ވަނީ ނުރުހުމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން، ފްރެންޗް ލީގުގައި އެ ޓީމު އެންމެފަހުން ކުޅުނު މެޗުގައި ސްޓޭޑިއަމްގައި ބެނާތައް ހިފައިގެން ނޭމާއާ ދެކޮޅަށް އަޑުއުފުލައި އޭނާ ދޫކޮށްލުމަށް ކްލަބުގެ ކިބައިން އެދިފައިވެސްވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.