ސުޕްރީމް ކޯޓުން ޤާނޫނާއި ޚިލާފަށް 17 މައްސަލައެއް ނިންމާފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން އެފަދައިން ބުނެފައިވަނީ، ރާއްޖޭގެ މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް ޖޭއެސްސީން ކުރި ދިރާސާއަށްފަހު އެކުލަވާލި ރިޕޯޓްގައެވެ.
އެގޮތުން ސުޕްރީމް ކޯޓުން ޖޭއެސްސީއާއި ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތައް ހަނިކޮށް އެ ދެމުއައްސަސާގެ މަސައްކަތަށް ހުރަސްއަޅާފައިވާކަމަށް ޖޭއެސްސީގެ ރިޕޯޓްގައިވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން ޤާނޫނާއި ޚިލާފަށް ނިންމާފައިވާ 17 ނިންމުމުގެ ތެރޭގައި އެކިއެކި ސިޔާސީ ފަރާތްތަކަށް ކޮށްފައިވާ ދައުވާތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައްވެސް ހިމެނއެވެ.
އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ޖޭއެސްސީގެ ރިޕޯޓުގައިވެއެވެ.
މީގެއިތުރުން ވަކީލުންގެ ކަންކަމާއި ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވެފައިވާކަމަށާއި، އަދި ޖޭއެސްސީގެ ބާރުތައް ހަނިކޮށް ދަށުކޯޓުތަކުގެ ގާޒީން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގެ ބާރުތައް ސުޕްރީމް ކޯޓުން ނަގާފައިވާކަމަށް ޖޭއެސްސީގެ ރިޕޯޓްގައި ވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ ތެރެއަށް ވަދެ އެމަޖިލީހުން އިތުބާރުނެތްކަމުގެ މައްސަލަ ތަކުގައި ނިންމާ ނިންމުންތަކަށް ފަހުބަސްބުނާނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ޖޭއެސްސީގެ ރިޕޯޓްގައި ވެއެވެ.