އެއްޖިންސުން ގުޅުން ހިންގުމަކީ، ﷲގެ ކޯފާ އާއި އަޒާބު މި ދުނިޔެމަތީގައި އަތުވެދާނެ ފަދަ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ހެޔޮމަގަށް ތަބާވުން" މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދައްކާފައިވާއިރު، ހުތުބާގައި ބުނީ އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ހުތުރުކަން ބޮޑު ފާފައެއް ކަމަށެވެ.
"އިއްޒަތްތެރި އަހުންނޭވެ! ކައިވެނި ކުރުމަކީ އަންހެނަކާއި ފިރިހެނަކު ޝަރްއީ ހަމަތަކުގެ މަތީން މަންފާއެއް ލިބިގަތުމަށް ކުރާ އަޤްދެކެވެ. އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި ކައިވެނީގެ މުޤައްދަސް ގުޅުން ވަނީ ހުއްދަކުރައްވާފައެވެ. އަންހެނަަކާއި ފިރިހެނަކު ކައިވެނީގެ ގޮތުން ގުޅުމަކީ އިންސާނީ ފިތުރަތުގައި ލައްވާފައިވާ ވަރަށް މުޤައްދަސު ގުޅުމެކެވެ. މިއާ ހިލާފަށް އެއްޖިންސުގެ ދެމީހުން މި ފަދަ ނަމަކުން ގުޅުމަކީ އިސްލާމް ދީން ހަރާމްކުރައްވާފައިވާ ކަމެކެވެ. އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲގެ ކޯފާއާއި އަޒާބު މި ދުނިޔެ މަތީގައި އަތުވެދާނޭ ކަމެކެވެ." ހުތުބާގައި ބުނެފައިވެއެވެ.
ސަލާމް ލެއްވި ލޫތުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުން ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ދިވެހިންނަށް ދެއްވި އެންމެ ބޮޑު ނިއުމަތަކީ ފަނޑުވުމެއް ނެތް ދަންމަރު ކަމުގައިވާ މާތްވެގެންވާ އިސްލާމްދީން ރާއްޖޭގެ ކަންކޮޅުތަކުގައި ލައްވާފައިވުމެވެ.
އަދި އިސްލާމްދީނުގެ އަލިގަދަ ނޫރު ފާޅުވި ދުވަހުން ފެށިގެން، އެދީނުގެ އަދުއްވުން މަސައްކަތް ކުރަމުން ދަނީ، އެނޫރު ފޮހެލުމަަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މާތްﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އެއުރެން އެދެނީ ﷲގެ، ނޫރުފުޅު(އެބަހީ:އިސްލާމްދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވާލުމަށެވެ. ނަމަވެސް، ކާފިރުން ކިތަންމެ ނުރުހުނަސް، ﷲ، އެކަލާނގެ ނޫރުފުޅު ފުރިހަމަކުރެއްވުމަށް މެނުވީ، އެކަލާނގެ އިރާދައެއް ނުކުރައްވަތެވެ."
ހުތުބާ ނިންމާލަމުން ވަނީ ބަލިތަކާއި ކޯފާތަކުން މިންޖުވެވޭނީ ﷲ އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓައިގެން ކަމަށް ބުނެފައެވެ. އަދި ހެޔޮމަގު އަަބަދުވެސް އިހްތިޔާރު ކުރުމަށް ހުތުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ.