ކުޅިވަރު
ހިންގުމުގެ މައްސަލަތައް ދިމާވެފައިވަނީ ދިވެހިންގެ ޝައުގުވެރިކަން ބޮޑު އެސޯސިއޭޝަންތަކަށް. ކޮމިޝަނަރ އޮފް ސްޕޯޓްސް

ރާއްޖޭގެ ކުޅިވަރުގެ ގިނަ އެސޯސިއޭޝަންތަކެއްގެ ހިންގުމުގެ ނިޒާމު ރަނގަޅު ކަމަށާއި މައްސަލަތައް ދިމާވެފައިވަނީ ދިވެހިންގެ ޝައުގުވެރިކަން ބޮޑު އެސޯސިއޭޝަންތަކަށް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ތޮލާލް ވިދާޅުވީ، އެސޯސިއޭޝަންތައް ހިންގުމުގައި ކޮމިޝަނުން ބާރު އަޅަނީ ގާނޫނުތަކާއި ގަވައިދުތަކުގައި ބުނާ ގޮތަށް ނެޝަނަލް އެސޯސިއޭޝަންތައް ހިންގުމާއެކު، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެސޯސިއޭޝަންތަކުން އަދާކުރަންޖެހޭ ޒިންމާ ގަވައިދުން އަދާކުރުމަށް ކަމަށެވެ.

ނަމަވެސް ބައެއް އެސޯސިއޭޝަންތަކުން ގަވައިދުގައި ބުނާ މުއްދަތު ފަހަނައަޅައި ދާއިރުވެސް އެ އެސޯސިއޭޝަންތަކުގެ ގާނޫނީ ޒިންމާ އަދާނުކުރާކަން ކޮމިޝަނަރ ފާހަގަކުރެއްވި އެވެ. އެގޮތުން ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެ ކިޔުމާއި، ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދާކަން ތޮލާލް ފާހަގަކުރެއްވި އެވެ.

ކްލަބުތަކަށްވުރެ ބޮޑަށް ނެޝަނަލް އެސޯސިއޭޝަންތައް ގާނޫނާ ގަވައިދުގެ ތެރޭގައި ތިބުމަށް އަޅުގަނޑުމެން ބާރުއަޅާފައި އޮންނާނީ. އޭގެ އިތުރުން ކްލަބުތަކާއި އެކަޑަމީތަކަށް އިލްތިމާސްކޮށްފައި އޮންނާނީ. ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް

މި މޭރުމުން ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވީ، އެސޯސިއޭޝަންތަކުގެ އޮޑިޓް ރިޕޯޓެއް ކޮމިޝަނަށް ހުށަހަޅަން ގާނޫނުން ލާޒިމުކުރާއިރު، އެކަންވެސް ބައެއް އެސޯސިއޭޝަންތަކުން ނުކުރާ ކަމަށެވެ. އަދި އެކަން ކުރުމުގައި އެސޯސިއޭޝަންތަކުން ހަރަދުތަކެއް ހިނގާތީވެ އެ ފަރާތްތަކަށް ލުއި ހޯދައި ދިނުމަށް ދެ މޮޑިއުލަކަށް އޮޑިޓް ކުރުމުގެ ކަންކަން ކުރުމަށް ސްޕޯޓްސް މިނިސްޓަރާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ތޮލާލް ވިދާޅުވި އެވެ.

އެއްގޮތަކީ އަޅުގަނޑުމެން އަމިއްލައަށް އޮޑިޓް ފާމެއް ހަޔާ ކޮށްފައި އެސޯސިއޭޝަންތައް އޮޑިޓްކުރަން ދިނުން. މިއީވެސް އަޅުގަނޑުމެން މިހާރު މަޝްވަރާކުރަމުންދާ ކަމެއް. ދެވަނަ ގޮތަކީ އޮލިމްޕިކް ކޮމިޓީއާއި ވާހަކަދައްކާފަ އޮންނާނެ އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް އޮޑިޓް ފާމެއް އެސޯސިއޭޝަންތައް އޮޑިޓް ކުރުމުގައި ގެންގުޅުން. މި ދެގޮތުން ކޮންމެވެސް އެއްގޮތަކަށް ނިންމުމަށްފަހު އެސޯސިއޭޝަންތައް އޮޑިޓް ކުރުމުގައި ސްޕޯޓްސް ކޮމިޝަނުން އެއްބާރުލުން ދޭނެ. ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް

ތޮލާލް ވިދާޅުވީ މިހާރުން މިހާރަށް އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ އެސޯސިއޭޝަންތައް ހިންގުމުގައި ދިމާވާ ދަތިތަކާއި އެކަމަށް ކޮމިޝަނުންނާއި ސްޕޯޓްސް މިނިސްޓްރީން ދޭންޖެހޭ އެއްބާރުލުމާއެކު، ހަރުދަނާ އުސޫލެއްގެ ތެރެއިން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top