މި އޮގަސްޓް މަހުގެ 19 އިން 24 ގެ ނިޔަލަށް ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް އެ ގައުމު ބަލިކުރުމަށްފަހު ދިވެހިރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ދަތުރުކޮށްފިއެވެ. މި މެޗު ރާއްޖޭން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މުބާރާތުގެ ސެމީ އިން ރާއްޖެ ޖާގަ ހޯދީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އެ ގްރޫޕުގެ ދެވަނަ މަގާމު ހޯދައިގެންނެވެ. ރާއްޖޭން ބަލިވީ ގްރޫޕުގެ އެއްވަނަ މަގާމު ހޯދި ކިރްގިސްތާން އަތުންނެވެ. އެ ޓީމު ކުޅުނު ހުރިހާ މެޗަކުން މޮޅުވިއިރު، މުބާރާތް ބާއްވާ ގައުމު ނޭޕާލް ނިންމާލީ ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

ނޭޕާލުގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި، ޓްރިބުވާން އާމީ ކްލަބުގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗުގައި ރާއްޖޭން ސެޓުތައް ގެންދިޔައީ 25-22، 25-21 އަދި 25-14 އިންނެވެ.

ސެމީ ފައިނަލް މެޗުގައި ރާއްޖެ ކުޅެން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ފުރުޞަތު ހޯދި އުޒްބެކިސްތާނާ ދެކޮޅަށެވެ. އުޒްބެކިސްތާނުން އެ ގްރޫޕުގެ ތިން މެޗުން ވެސް މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭ ކުޅުނު ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ސީދާ ތިން ސެޓުން ބަލިވިއިރު، އެ ޓީމުން އެ މެޗުގެ ސެޓުތައް ގެންދިޔައީ 25-15، 26-24 އަދި 25-19 އިންނެވެ.

މިއީ 2016 ވަނަ އަހަރުގައި ބަންގްލަދޭޝްގައި ބޭއްވި މުބާރާތަށް ފަހު ރާއްޖޭން ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ މުބާރާތުގައި ރާއްޖެ ވަނީ ތިންވަނަ މަގާމު ހޯދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.