ބަޔާން މިއުނިކަށް ކުޅެމުން އައި ތަޖުރިބާކާރު ވިންގާ ފްރޭންކް ރިބެރީ އިޓަލީގެ ކްލަބު ފިއޮރެންޓީނާ އަށް ބަދަލުވެއްޖެއެވެ.

ފާއިތުވެދިޔަ 12 އަހަރު ޖަރުމަނުގެ ޗެމްޕިއަން ބަޔާންގައި ހޭދަކުރުމަށްފަހު ފިއޮރެންޓީނާއާ ރިބެރީ ގުޅުނީ ފްރީ ޓްރާންސްފާގައެވެ.

ފިއޮރެންޓީނާ އަށް ބަދަލުވިކަން ރިބެރީގެ ރަސްމީ ޓުވިޓާ އެކައުންޓުންވެސް ޔަގީންކޮށްދީފައިވާއިރު، އެ ކްލަބުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

"އަހަރެންގެ އާއިލާ އާއެކު މިހުރީ ފްލޯރެންސްގައި. މީގެކުރީން، ލޫކާ ޓޯނީއާއެކު ދެއްކި ވާހަކަތަކަށްފަހު މި ކްލަބުގެ ހާއްސަކަމާއި، މި ސިޓީގެ ރީތިކަން އެނގިފައިވަނީ." ފްލޯރެންސަށް މެޑިކަލް ހެދުމަށް އައުމަށްފަހު ރިބެރީ ބުންޏެވެ.

އުމުރުން 36 އަހަރުގެ ރިބެރީ ވަނީ 2007 ވަނަ އަހަރު މާސޭ އިން ބަޔާން އަށް ބަދަލުވެ، އެ ޓީމާއެކު ނުވަ ފަހަރު ޖަރުމަން ބުންޑަސްލީގާ ކާމިޔާބުކޮށް، ޖަރުމަން ކަޕްވެސް ހަ ފަހަރު ކާމިޔާބުކޮށްފައެވެ. 

މީގެއިތުރުން، 2013 ވަނަ އަހަރުގައި އެ ޓީމުން ޔުއެފާ ޗެމްޕިއަންސް ލީގާއެކު ތިން މުބާރާތެއް ކާމިޔާބުކުރިއިރު، އެ ފަހަރުގެ ޔުއެފާ ސުޕަ ކަޕާއި، ފީފާ ކްލަބް ވޯލްޑްކަޕްވެސް ބަޔާން އާއެކު ރިބެރީ އުފުލާލައިފައިވެއެވެ. އަދި އެ އަހަރު ރިބެރީގެ ފަރާތުން ފެނިގެންދިޔަ މޮޅުކުޅުމާއެކު ބެލަންޑިއޯ އެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.

މި ފަހަރުގެ ސީޒަނަށް ފިއޮރެންޓީނާ ކުރިމަތިލާއިރު، ނިމިދިޔަ ސީޒަނުގައި ރެލިގޭޝަނުން އެ ޓީމު ސަލާމަތްވީ ލީގުގެ އެންމެފަހު ދުވަހު ހަމަ ކިރިޔާއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެ ކްލަބުގެ ހިނގުން މިހާރު ބަދަލުވެފައިވާއިރު، އިސްވެރިންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމެރިކާގެ ވިޔަފާރިވެރިއެއްކަމަށްވާ ރޮކޯ ބީ. ކޮމިސޯ އެވެ. އޭނާ އަކީ އެމެރިކާގެ ނިއު ޔޯކް ކޮސްމޯސް އެފްސީގެ ވެސް ވެރިޔާއެވެ.

ރިބެރީ އަކީ ފިއޮރެންޓީނާ އިން އާ ސީޒަނަށް ދާއިމީ އެއްބަސްވުމެއްގެ ދަށުން ގެނައި ފަސްވަނަ ކުޅުންތެރިޔާއެވެ. މީގެކުރީން، އެ ޓީމުން ވަނީ ރިކާޑޯ ބަރޮނީ އާއި ކެވިން-ޕްރިންސް ބޯޓެންގެ އިތުރުން އަލެކްސާ ޓާޒިޗް އަދި އެރިކް ޕުލްގާ ގެނެސްފައެވެ. މީގެއިތުރުން، ލޯން އެއްބަސްވުމެއްގެ ދަށުން މިލާން ބަޑެލް އާއި ޕޮލް ލިރޯލާ ގެނެސްފައިވާއިރު، މުހިއްމު ކުޅުންތެރިން ކަމަށްވާ ފެޑެރީކޯ ޗިއޭސާ އާއި ނިކޮލާ މިލެންކޮވިޗް ވަނީ މަޑުކުރުވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.