މާފަންނު ގެއަކުން މަސްތުވާތަކެތި ވިއްކަމުން ދިޔަ މެދުއުމުރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން އިއްޔެ މެންދުރު 12:45 ހާއިރު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 30 އަހަރުގެ އަންހެނެއް ކަމަށެވެ.
އަދި އޭނާ ދިރިއުޅޭ ގެ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ބުލެޓާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފުއްޕާ ހަމަކާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން ހަތް ރަބަރު ޕެކެޓު އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ބިޑި އެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
މިތަކެތީގެ ތެރޭގައި 75 ގްރާމް ހެރޮއިން އާއި 17 ގްރާމް ކެނަބިސް ހުރިކަމަށް އެތަކެތީގެ ވަގުތީ ބަރުދަން ދައްކާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.