ކުރީ ސަރުކާރުގެ "ބެޔަސް ނުބެޔަސް" ވައުދަކީ މަސްވެރިންނަށް އޮޅުވާލި އޮޅުވާލުމެއްކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ އެފަދައިން ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ބިލަށް ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މެމްބަރު ރާއީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފާސްކުރެވުނު 5 ޤަރާރުގައި ހުރި ކަންކަން މަސްވެރި ކަމުގެ ބިލުގައި އެބަހުރި ކަމަށެވެ.
މަސްވެރިކަމުގެ ބިލަކީ ރައީސް މައުމޫންގެ ދައުރުގައި ޑްރާފްޓް ކުރެވިފައިވާ ބިލެއްކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވި ވާހަކައަށް ރައްދުދެއްވާ ރާއީ ވިދާޅުވީ މި ބިލަކީ އޭރުގެ ބިލެއްނޫންކަމަށާއި، އޭރު މީހުން ނުދައްކާ ކިތަންމެ ވާހަކައެއް މިހާރުގެ ބިލުގައި ހުންނާނޭކަމަށެވެ.
ކުރީގެ ސަރުކާރުގެ "ބެޔަސް ނުބެޔަސް" ވައުދަކީ އޮޅުވާލި އޮޅުވާލުމެއްކަމަށް ވިދާޅުވެ ރާއީ ވިދާޅުވީ އެ ވައުދަށް ވިގޮތަށް މަސްވެރިންނަށް ހަޖޫޖަހާ އެއްޗަކަށް މި ބިލް ވެގެން ނުވާނެކަމަށެވެ.