ދެ ސިނާއަތުގެ ތަފާތު ކުރުން ގެންގުޅޭހާ ހިނދަކު މަސްވެރިންނަށް ކުރިއެރުމެއް ނުލިބޭނެކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެފަދައިން ވިދާޅުވެފައިވަނީ މަސްވެރިކަމުގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ސައީދު ވިދާޅުވީ، މަސްވެރިކަމަށް ގޮންޖެހުން ދިމާވެފައިވަނީ ނިޒާމުގައިވާ މައްސަލައަކުން ކަމަށެވެ.
މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ނަސްލީ ތަފާތު ކުރުން ގެންގުޅޭ އުސޫލުން ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތާއި ދެމެދު ތަފާތު ކުރުން ގެންގުޅޭކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ޕްރޮމޯޝަނަށް އަހަރަކު 154 މިލިއަން ރުފިޔާ ހޭދަ ކުރާއިރު، މަސްވެރިކަމުގެ ޕްރޮމޯޝަނަށް ދައުލަތުގެ ބަޖެޓުން ބައިލާރިވެސް ޚަރަދު ނުކުރާކަމަށް ސައީދު ވިދާޅުވިއެވެ.
"ކޮން މަސްދޯންޏެއް އިނދަޖެހިގެންތޯ ސޮވަރިން ގެރެންޓީއެއްދިނީ، ސިޔާދަތުގެ އަޅާލުމެއް އަޅާލީ ޔަޤީންކަމެއް ދީނީ. އެހެންނަމަވެސް ރިސޯޓެއް ބަނގުރޫޓު ވެއްޖިއްޔާ ސްޓޭޓުން ވެސް އެބަވަދޭ އޭގެތެރެއަށް. ވަދެ އެބަބުނޭ މީތި ރެސްކިއުކުރަން ނުވަތަ ސަލާމަތްކުރަން އެބަޖެހެއޭ." މެމްބަރު ސައީދު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ތަފާތު އެކިއެކި ޓެކްސްތައް މާފުކުރެވޭއިރު މަސްވެރިކަމުގެ ދާއިރާގައި މާފުކުރެވޭ ޓެކްސެއް ނެތްކަމަށް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ޒުވާނުން ތަމްރީން ކުރުމަށް ހޮޓެލް ސްކޫލެއް ހުންނަކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، މަސްވެރިކަމުގެ ކަންކަން ކިޔަވައިދިނުމަށް ވަކި ސްކޫލެއް ރާއްޖޭގައި ނެތްކަމަށެވެ.
ސައީދު ވިދާޅުވީ، ދެ ސިނާއަތުގެ ދެމެދުގައި ތަފާތު ކުރުން ގެންގުޅޭހާ ހިނދަކު މަސްވެރިންނަށް ހަމަ އަގުވެސް އަދި ހައްޤު މިންވަރުވެސް ނުދެވޭނެކަމަށެވެ.