ފީނަން ފޭބި އަންހެން ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.
ކަނޑޫމާ ތިލަ އަށް "އޯސީއޭ އެމް ސެވަން އެސް" ސަފާރީގައި ޑައިވް ކުރަން ފޭބި އަންހެން ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެމްއެންޑީއެފް އިން ބުނީ އެމީހާ ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ އެދުވަހުގެ މެންދުރުފަހު 1:10 ހާއިރު ކަމަށާއިމ އެއަންހެންމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފުގެ ކޯސްޓްގާޑްގެ ޑައިވަރުންނާއި، ކޯސްޓްގާޑްޝިޕް ޝަހީދު އަލީއިންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ގެއްލުނު ފަތުރުވެރިޔާ ފީނަން ފައިބާފައިވަނީ 22 ގެސްޓުން ހިމެނޭ ގުރޫޕަކާއިއެކު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ގެއްލިގެން ހޯދަމުންދަނީ ކޮން ގައުމެއްގެ އަދި ކިތައް އަހަރުގެ އަންހެނެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.