ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފަށާފައިވާ ތެރަޕީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އިސް ފަރާތްތަކާއެކު މަޝްވަރާކުރައްވައިފި އެވެ.

އިއްޔެ މެންދުރު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އިންކްލޫސިވް އެޑިއުކޭޝަން ޑިޕާރޓްމަންޓްގެ އިތުރުން އެންސްޕާ އާއި އާސަންދައިން ބައިވެރިވެފައިވެއެވެ.

އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ފެށިގެންދާއިރު، އެސަރަހައްދުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ ހައްސާސީކަން ފާހަގަކުރައްވާ އެކަން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައެވެ.

އެ ބައްދަލުވުމުގައި ވަނީ މާބަނޑު ދުވަސްވަރުން ފެށިގެން ކުއްޖާގެ އުމުރުން 5 އަހަރު ވަންދެން ކުދިންގެ ހެދިބޮޑުވުމުގެ ކަންކަން ހަރުދަނާގޮތެއްގައި ބެލުމަށް ކުރެވެން ހުރި ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިފަހުން  ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭން ޖެހޭ ތެރެޕީތައް ދިނުމަށް މޮބައިލް ތެރެޕިސްޓް ޓީމެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.