އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރުބެން ނެވޭސް ޖެހި ގޯލުން މެންޗެސްޓާ ޔުނައިޓެޑް އަތުން ވުލްވަހެމްޕްޓަން ވޮންޑަރާސް ޕޮއިންޓެއް ހޯދައިފިއެވެ. މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެންޗެސްޓާ ޔުނައިޓެޑުން ރޭގެ މެޗަށް ނިކުތްއިރު ލީގުގައި އެންމެފަހުން ޗެލްސީއާ ދެކޮޅަށް ކުޅެ 4-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އެގޮތުން، ކުރިން ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އަންދްރެއަސް ޕެރޭރާގެ ބަދަލުގައި ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ރޭގެ މެޗުގައި ފުރުޞަތުދީފައިވަނީ ޒުވާން ކުޅުންތެރިޔާ ޑެނިއަލް ޖޭމްސް އަށެވެ.

ވުލްވްސް އިން ރޭގެ މެޗަށް ނިކުތްއިރު ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ބަދަލެއް ގެނެސްފައިނުވީނަމަވެސް، އެންމެފަހުން ޔުރޮޕާ ލީގުގެ ތިންވަނަ ބުރުގެ ދެވަނަ ލެގުގައި އާމީނިއާގެ ޕިއުނިކް އަތުން 4-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ޕިއުނިކްއާ ދެކޮޅަށް ކުޅުނު ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުން ފުރުޞަތުދީފައިވަނީ އެންމެ ދެ ކުޅުންތެރިންނަށެވެ. އެއީ ޔާއޯ މޯޓީނިއޯ އަދި ކެޕްޓަން ކޯނާ ކޯޑީ އެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީވެސް ޔުނައިޓެޑުންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ދިން ޕާހަކުން މިލަނޑުޖަހައިދިނީ އެންތަނީ މާޝިއަލް އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ޔުނައިޓެޑްގެ ލީޑް ފުޅާކުރުމަށް މާޝިއަލް އަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، މި ހާފުގައި ވުލްވްސްގެ ކުޅުންތެރިންނަށް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ ބަލަހައްޓަމުންދިޔަ ގޯލަށް ނުރައްކާކުރެވިފައެއްނުވެއެވެ.

ވުލްވްސް އިން ދެވަނަ ހާފަށް ނިކުތްއިރު މެޓް ޑޮހާޓީގެ ބަދަލުގައި އެޑަމާ ޓްރައޯރޭ ކުޅެން އެރުމާއެކު އެ ޓީމުގެ ކުޅުން ކުރިއަށްވުރެ ރަނގަޅުވެ، ޔުނައިޓެޑްގެ ޑިފެންސަށް ދިޔައީ ބާރުބޮޑުކުރަމުންނެވެ. އެގޮތުން، މިހާފުގެ ކުޅުން ފެށިތާ ހަތްވަރަކަށް މިނެޓުގެ ތެރޭގައި ވުލްވްސް އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ރައުލް ހިމެނޭޒް އަަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައިވެއެވެ. އެ ޓީމުގެ މޯޓިނިއޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ހިމެނޭޒް ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ. 

ނަމަވެސް، އޭގެ ތިން މިނެޓުފަހުން ވުލްވްސްގެ ޕޯޗުގަލް މިޑްފީލްޑަރު ނެވޭސް ވަނީ ޕެނަލްޓީއޭރިޔާބޭރުން ކާމިޔާބުކުރި ރީތި ގޯލަކުން ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެ ޓީމުގެ މޯޓީނިއޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ވަރަށް ރީއްޗަށް ކޮންޓްރޯލްކޮށްލުމަށްފަހު ނެވޭސް ފޮނުވާލުމުން ގޯލްގެ ތެރެއަށް ވަނީ ހުރަސްދަނޑީގައިޖެހިފައެވެ.

އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑްނަގައިދިނުމަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭނުންހިފޭގޮތްނުވެފައެވެ. އެ ޓީމުގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް ވުލްވްސްގެ ކެޕްޓަން ކޯޑީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ޕޮގްބާ ފޮނުވާލުމުން ކީޕަރު ރުއީ ޕެޓްރީޝިއޯ މަތަކުރިއެވެ.

މެޗު ނިމެން ދަނިކޮށް، ވުލްވްސް އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކުރުމަށް އެ ޓީމުގެ ލެއަންޑާ ޑެންޑޮންކާ އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައިވެއެވެ. އެ ޓީމުގެ އަވަސް އެޓޭކަކުން ޑިއޯގޯ ޖޯޓާ ތަނަވަސްކުރި ފުރުޞަތުގައި ޑެންޑޮންކާ ފޮނުވާލި ބޯޅަ ދިޔައީ ގޯލަށްވުރެ މާމަތިން ބޭރަށެވެ.

ރޭގެ މެޗުން ހޯދީ ޕޮއިންޓާއެކު ޔުނައިޓެޑުން ހަތަރު ޕޮއިންޓް ހަމަކަށް ލީގުގެ ހަތަރުވަނަ އަށް ޖެހިލިއިރު، ވުލްވްސް އުޅެނީ ދެ ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ. ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، ހަ ޕޮއިންޓާއެކު އެންމެކުރީގައި އުޅެނީ ލިވަޕޫލާއި އާސެނަލް އެވެ. ލިވަޕޫލަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.