ބަޔާން މިއުނިކަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެ، ގިނަ ކާމިޔާބީތައް ހޯދަން ބޭނުންވާކަމަށް ދާދިފަހުން ސްޕެއިނުގެ ބާސެލޯނާ އިން ލޯން އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ބަދަލުވި ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ބަޔާންއާ އެއް އަހަރު ދުވަހުގެ މުއްދަތަށް ލޯން އުސޫލުން 8.5 މިލިއަން ޔޫރޯގެ އަގަކަށް ގުޅުނުއިރު، ކޮންޓްރެކްޓް ހަމަވުމުން 120 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުޞަތުލިބިގެންދާނެއެވެ.

ބަޔާނުން ރަސްމީކޮށް މީޑިއާ އަށް ކުޓީނިއޯ ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އޭނާ ބުނީ މުޅިން އައު ގައުމެއްގައި ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކްލަބަށް ބަދަލުވުމަކީ ބޮޑު ޗެލެންޖެއްކަމަށެވެ. 

"މުޅީން އައު ގައުމަކަށް ބަދަލުވެ، ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކްލަބުކަމަށްވާ ބަޔާން އަށް ކުޅުމަކީ ބޮޑު ޗެލެންޖެއްގެ ގޮތުގައި އަހަރެން ދެކެނީ." ކުޓީނިއޯ ބުންޏެވެ.

"ބާސެލޯނާގައި އުއްމީދުކުރި ގޮތަށް ކަންތައް ނުހިނގި، ނަމަވެސް މިހާރު އެއީ މާޒީ." ކުޓީނިއޯ ބުންޏެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގައި ލިވަޕޫލުން 120 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް ބާސެލޯނާ އަށް ބަދަލުވެ ކުޓީނިއޯ އަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު 54 މެޗުގައި ޖެހުނީ އެންމެ 11 ލަނޑެވެ.

ކުޓީނިއޯގެ ލޯން ފީއާ ބެހޭގޮތުން ބަޔާންގެ ސީއީއޯ ކާލް-ހެއިންޒް ރުމެނިގޭ ބުނީ އެހާ ކުޑަ އަގަކަށް ލިބުނީ ބާސެލޯނާއާ ދެމެދު އޮތް ގާތް އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން ކަމަށެވެ.

"8.5 މިލިއަން ޔޫރޯ އަށް ކުޓީނިއޯ ގެނެވުނީ ބާސެލޯނާއާ ބަޔާން ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން. ޒަމާނުއްސުރެ ބާސެލޯނާގެ އިސްފަރާތްތަކާއެކު ގާތް ގުޅުމެއް އޮވޭ. އެހެން ނޫނަސް ބާސެލޯނާ އިން މި ޓްރާންސްފާ ހުއްޓުމަކަށް ނުވިސްނާ." ރުމެނިގޭ ބުންޏެވެ.

ރުމެނިގޭ އިތުރަށް ބުނީ، ބަޔާންގެ ސަޕޯޓަރުންނަށްޓަކައިވެސް މި ދަނޑިވަޅުގައި ތަފާތު މޮޅު ކުޅުންތެރިއެއް ގެނައުން ނޫން ގޮތެއް ނެތްކަމަށާއި، ކުޓީނިއޯ ގެނެވުމުން އެކަން ހާސިލްވެއްޖެކަމަށެވެ. މީގެއިތުރުން، އެ ޓީމުގެ ސްޕޯޓިން ޑައިރެކްޓަރު ހަސަން ސާލިހަމިޒިޗްވެސް ވަނީ ކުޓީނިއޯ އަށް ހައިބަތުހުރި 10 ނަންބަރު ޖާޒީ ދިނީ ވެސް އެ ސަބަބަށްޓަކާ ކަމަށް ބުނެފައެވެ.

"މި ކްލަބުގެ ޝަރަފުވެރި 10 ނަންބަރު ޖާޒީ ބޭއްވިފައިވަނީވެސް ކުޓީނިއޯ އަށް ދިނުމަށް ކަމަށް ހީވާ ކަހަލަ. މި ނިންމުމާމެދު ރޮބެންގެ ވެސް އިއުތިރާޒެއް ނެތް." ހީނލަމުން ސާލިހަމިޒިޗް ބުންޏެވެ.

މީގެކުރީން ބަޔާންގެ ކޯޗު ނިކޯ ކޮވަޗް ވަނީ ކުޓީނިއޯ އަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. އެގޮތުން، ލީގުގައި އެ ޓީމު އެންމެފަހުން ކުޅުނު މެޗަށްފަހު ނޫސްވެރިންނަށް ދިން އިންޓަވިއުގައި ކޮވަޗް ބުނީ ކުޓީނިއޯ ފަދަ ތަފާތު މޮޅު ކުޅުންތެރިއަކު ބަޔާން އަށް އައުމަކީ ބުންޑަސްލީގާ އަށް ވެސް ލިބުނު ބޮޑު އުފަލެއްކަމަށެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބަޔާންގެ ޖާޒީގައި ކުޓީނިއޯ އެންމެ ފުރަތަމަ ފެނިގެންދާނީ އަންނަ ހޮނިހިރު ދުވަހު ލީގުގައި ރަށުން ބޭރުގައި ޝާލްކޭއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.