އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ އިން މޮޅުވާންދަނިކޮށް ލެސްޓާ ސިޓީން ހިފެހެއްޓިއިރު، ޝެފީލްޑް ޔުނައިޓެޑް ވަނީ ފުރަތަމަ މޮޅު ހޯދާފައެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން ލެސްޓާއާ އެއްވަރުވިއިރު، ޝެފީލްޑް ވަނީ ކްރިސްޓަލް ޕެލަސް އަތުން 1-0 އިން މޮޅުވެފައެވެ.

ރޭގެ މެޗާއެކު މި ސީޒަނަށް ޗެލްސީ ޓީމާ ހަވާލުވި ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅެއް ހޯދިފައެއްނުވެއެވެ. ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 4-0 ގެ ބޮޑު ތަފާތަކުން ބަލިވިނަމަވެސް ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގައި ލިވަޕޫލް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.

ލަމްޕާޑްގެ އިރުޝާދުގެ ދަށުން ސްޓެމްފަޑް ބްރިޖުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ލެސްޓާގެ މީޑްފީލްޑަރު ވިލްފްރެޑް އެންޑީޑީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި މިލަނޑު އެ ޓީމަށް ޖަހައިދިނީ އުމުރުން 20 އަހަރުގެ މޭސަން މައުންޓެވެ. އޭގެފަހުން، ޗެލްސީގެ ލީޑް ފުޅާކުރުމަށް މައުންޓަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ލެސްޓާގެ ކީޕަރު ކެސްޕާ ޝުމައިކަލް މަތަކުރިއިރު، އެންގޯލޯ ކާންޓޭ ފޮނުވާލި ބޯޅަ ލެސްޓާގެ ޑިފެންޑަރުންވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފު ފެށިގެން ލެސްޓާ އިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތައް އުފައްދާފައިވާއިރު، މެޗުގެ 67 ވަނަ މިނެޓުގައި ލެސްޓާގެ އެންޑީޑީ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ އެ ޓީމުގެ މެޑިސަން ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް އެންޑީޑީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، އެ ޓީމުގެ ޖެމީ ވާޑީ އާއި ޖޭމްސް މެޑިސަން އަދި ޔޫރީ ޓިލަމެންސް އަށް ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މެޗަށްފަހު ޗެލްސީގެ ކޯޗު ލަމްޕާޑް ވަނީ އެ ޓީމުގެ ފަރާތުން ފެނުނު ކުޅުމަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން، އޭނާ ފާހަގަކުރިގޮތުގައި ލެސްޓާއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗަށްވުރެ ޔުނައިޓެޑް އަތުން ބަލިވި މެޗުގައި އެ ޓީމުން ގިނަވަގުތު ރަނގަޅަށް ކުޅުނު ކަމަށެވެ.

ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ރޭގެ މެޗަކީ އޭނާގެ ޓީމަށް މޮޅުވެވޭން ޖެހޭނެ މެޗެއްކަމަށާއި، ދެވަނަ ހާފުގައި ލެސްޓާ އިން މޮޅު ކުޅުމެއް ދެއްކި ކަމަށެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕެލަސް އަތުން 1-0 އިން ޝެފީލްޑް މޮޅުވިއިރު އެ ޓީމުގެ ލަނޑުޖަހައިދިނީ ޖޯން ލަންޑްސްޓްރަމް އެވެ. 

މިއީ 2006/2007 ވަނަ އަހަރުގެ ސީޒަނަށްފަހު ލީގުގައި ފުރަތަމަ ފަހަރަށް ވާދަކުރަމުން އަންނަ ޝެފީލްޑުން މި ފަހަރުގެ ސީޒަނުގައި އަމިއްލަ ދަނޑުގައި ހޯދީ ފުރަތަމަ މޮޅެވެ. އެ ޓީމުން ވަނީ މިހާތަނަށް އައިއިރު ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް ތާވަލްގެ ހަތްވަނަ އަށް ޖެހިލާފައެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 00:00 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.