ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒަށް އަނިޔާވެ، ދެ މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ސުއަރޭޒްގެ ކަނާތުފައިގެ ކުޑަކަޅުވާ އަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ބަލިވި މެޗުގެ ފުރަތަމަ ހާފުގައެވެ.

އޭނާ އަށް ކުރިމަތިވި މިއަނިޔާގެ ސަބަބުން ލީގުގައި ބާސެލޯނާ އަށް ކުރިއަށް ތިން މެޗުގެ އިތުރުން އުރުގުއޭ އަށް އަންނަ މަހު އޮތް އެކުވެރިކަމުގެ ދެ މެޗުވެސް ނުކުޅެވޭނެކަމަށް ބެލެވެއެވެ. ބާސެލޯނާ އަށް ދެން އޮތީ ލީގުގައި ރެއާލް ބެޓިސް އާއި އޮސަސޫނާ އަދި ވެލެންސިއާ އާ ބައްދަލުކުރާ މެޗުތަކެވެ. އުރުގުއޭ އަށް އޮތީ އަންނަ މަހުގެ 7 ވަނަ ދުވަހު ކޮސްޓާ ރިކާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އޭގެ ހަތަރު ދުވަސްފަހުން އެމެރިކާއާ ބައްދަލުކުރާ މެޗެވެ.

ބާސެލޯނާގެ މިވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ލިއޮނަލް މެސީ އާއި ގޯލްކީޕަރު ނޮބާޓޯ ނެޓޯ ހިމެނެއެވެ.

ސުއަރޭޒަށް އަނިޔާވުމުން އެ ޓީމުގައި އޭނާ ނެތްތަން ފޫބައްދައިދޭނެކަމަށް ބެލެވެނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް ބޮޑު އަގުގައި ގެނައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. ނަމަވެސް، ބާސެލޯނާ އެންމެފަހުން ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އެ މަގާމަށް ކުޅުނު ގްރީޒްމަން އަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. އެ މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާގެ ކުޅުންތެރިންނަށްވެސް ބިލްބާއޯގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ.

މީގެއިތުރުން، ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ ލޯން އުސޫލުން ބަޔާން މިއުނިކަށް ދޫކޮށްލުމުން، އެ ޓީމުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ގެނައުމަށް ކުރާ މަސައްކަތުގައި އިތުރު ހިތްވަރެއް ވަނީ ލިބިފައެވެ. މިހާތަނަށް އައިއިރު ބާސެލޯނާގެ ހުށަހެޅުންތަކަށް ޕީއެސްޖީން ފުރަގަސްދީފައިވާއިރު، ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން މި ދަނޑިވަޅުގައި އެ ޓީމުގެ ފޯވާޑްލައިން ވަރުގަދަ ކުރުމަށްޓަކައި އިތުރު ބިޑެއް ކުރާނެކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.