އިނގިރޭސި ޕްރިމިއާ ލީގުގައި މިހަފްތާގައި ކުޅުނު ބޮޑު މެޗުގައި ޓޮޓެންހަމް ހޮޓްސްޕާ އިން މެންޗެސްޓާ ސިޓ މޮޅުވިޔަނުދީ ހިފެހެއްޓިއިރު، ލިވަޕޫލާއި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
ސިޓީގެ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، ލިވަޕޫލް ވަނީ ރަށުން ބޭރުގައި ސައުތުހެމްޕްޓަން އަތުން 2-1 އިން މޮޅުވެފައެވެ. އާސެނަލުން ބާންލޭ އަތުން މޮޅުވީވެސް ހަމަ އެ ނަތީޖާއިންނެވެ.
ރޭގެ މެޗާއެކު ޓޮޓެންހަމުން ވަނީ ސިޓީން ލީގުގައި ދަމަހައްޓަމުން އަންނަ ވިދިވިދިގެން 15 މެޗުން މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފައެވެ.
މިނަތީޖާއާއެކު، ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗަށްފަހު ތާވަލްގެ އެންމެ ކުރީގައި އުޅެނީ ހަ ޕޮއިންޓާއެކު ލިވަޕޫލެވެ. މިއަދަދަށް އާސެނަލް އަށް ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް ކުރިލިބެނީ ފައިދާ ގޯލްގެތަފާތުންނެވެ. އެންމެފަހުގެ ޗެމްޕިއަން ސިޓީ އޮތީ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައެވެ.
ރޭގެ މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ސިޓީގެ ކެޕްޓަން ކެވިން ޑި ބްރައިނާ ދިން ބޯޅައަކުން ރަހީމް ސްޓާލިން ލީޑްނަގައިދިންއިރު، އޭގެ ތިން މިނެޓުފަހުން ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޓެންގީ އެންޑޮމްބެލޭ ތަނަވަސްކުރި ފުރުޞަތަކުން އެރިކް ލަމޭލާ އެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެކުރިން ސާޖިއޯ އަގުއޭރޯ ވަނީ ސިޓީ އަށް ދެވަނަ ފަހަރަށް ލީޑްނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުނީ 2-1 އިން ސިޓީ ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ޓޮޓެންހަމަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޒިލްގެ މިޑްފީލްޑަރު ލޫކަސް މޯރާ އެވެ. މިއީ އެ ޓީމުގެ ލަމޭލާ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ލޫކަސް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގެ އިތުރުވަގުތުގައި ސިޓީގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖެސޫސް ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ކެންސަލްކޮށްފައެވެ. އެއީ ސިޓީން ނެގި ކޯނަރުގައި ބޯޅަ ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްވި ވަގުތު އެ ޓީމުގެ ޑިފެންޑަރު އައިމެރިކް ލަޕޯޓްގެ އަތުގައި ބޯޅައިން ޖެހުމުންނެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި، ސައުތުހެމްޕްޓަން އަތުން 2-1 ގެ ނަތީޖާއަކުން ލިވަޕޫލް އުނދަގުލުން ސަލާމަތްވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ސަޑިއޯ މާނޭ އާއި ރޮބާޓޯ ފިރްމީނޯ އެވެ. ސައުތުހެމްޕްޓަނުން ޖެހި ގޯލަކީ ލިވަޕޫލްގެ ކީޕަރު އެޑްރިއަން އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާނަގައި ޑެނީ އިންގްސް ކާމިޔާބުކުރި ގޯލެކެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބާންލޭ އަތުން 2-1 އިން އާސެނަލް މޮޅުވިއިރު، ގޯލްތައް ޖަހައިދިނީ އެލެކްސެންޑާ ލަކަޒޭ އާއި ޕިއޭ-އެމެރިކް އޮބަމަޔަން އެވެ. ބާންލޭގެ ހަމައެކަނި ލަނޑުޖަހައިދިނީ އޭޝްލީ ބާންސް އެވެ. އެވަޓަން އަތުން 1-0 އިން ވަޓްފޯޑް ބަލިވިއިރު، ނޯވިޗް ސިޓީ ވަނީ 3-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ. ބޯންމައުތު އަތުން 2-1 އިން އެސްޓަން ވިލާ ބަލިވިއިރު، ބްރައިޓަން ހޯވް އެން އެލްބިއަންއާ ވެސްޓްހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.