މުސްތަޤިއްލު ބައެއް ކޮމިޝަންތަކާއި މުސްތަޤިއްލު ބައެއް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ލާޒިމުކޮށް ވިޔަފާރިކުރުން މަނާކުރުމުގެ އިސްލާހުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެގޮތުން ސަރުކާރުގެ ފަރާތުން އިސްލާހު ގެނައުމަށް މަޖިލީހަށް ފޮނުވާފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނާއި އޮޑިޓް ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށެވެ.
މި އިސްލާހު ތަކުގެ ތެރޭގައި މުސްތަޤިއްލު މަޤާމުތައް އަދާކުރާ ފަރާތްތަކަކީ ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށް އެފަރާތްތަކާއި އެފަރާތްތަކުގެ އާއިލާގެ މެމްބަރުންގެ މާލީ ބަޔާން ހާމަކުރުންލާޒިމުކުރުން ހިމެނެއެވެ.
މީގެ އިތުރުން މިނިވަން ކޮމިޝަންތަކުގައި ތިއްބަވާ ފަރާތްތަކަކީ އަމިއްލަ ވިޔަފާރިކޮށް ނުވަތަ މަސްލަޙަތު ފުށުއަރާފަދަ އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކަށް ވެގެން ނުވާނެ ކަމަށް ބަޔާންކޮށް ޤާނޫނަށް އިސްލާހުހުށަހަޅާފައިވެއެވެ.