ސްޕެނިޝް ލީގުގައި ރެއާލް މެޑްރޑް ކުޅުނު ފުރަތަމަ މެޗުން ރޭ ސެލްޓާ ވިގޯ އަތުން 3-1 އިން މޮޅުވިއިރު، އެ ޓީމަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަށް ރަތް ކާޑު ދައްކައިފިއެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތްއިރު، އެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ އެޑެން ހަޒާޑް އާއި ފޭލަން މެންޑީ އާއި ރޮޑްރިގޯ ގޮއެސްގެ އިތުރުން މާކޯ އަސެންސިއޯ އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭއިރު، ސަސްޕެންޝަނުގެ ސަބަބުން ސްޕެއިނުގެ ފުލްބެކް ޑެނީ ކަރްވަހާލް ވެސް ނުކުޅެއެވެ.

ސެލްޓާގެ އެސްޓާޑިއޯ އެބަންކާ ބަލައިޑޯސްގައި ކުޅުނު މިމެޗުގެ 12 ވަނަ މިނެޓުގައި ގަރެތު ބޭލް ތަނަވަސްކުރި ފުރުޞަތަކުން ރެއާލަށް ލީޑްނަގައިދިނީ ކަރީމް ބެންޒެމާ އެވެ. 

އޭގެފަހުން، އެ ޓީމުގެ ބޭލް އާއި ކަސެމީރޯ އަދި މޮޑްރިޗަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ސެލްޓާގެ ގޯލްކީޕަރު ރުބެން ބްލޭންކޯ މަތަކުރިއިރު، ފުރަތަމަ ހާފު ނިމެންދަނިކޮށް ސެލްޓާ އިން ގޯލެއް ކާމިޔާބުކުރިނަމަވެސް ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު އޮފްސައިޑްކަމަށް ނިންމާފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ރެއާލް ކުރީގައޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން އެގާރަވަނަ މިނެޓުގައި ސެލްޓާގެ ޑެނިސް ސުއަރޭޒް އަށް ރެއާލްގެ މިޑްފީލްޑަރު މޮޑްރިޗް ކުރި ފައުލަކަށް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. 

އެއް ކުޅުންތެރިއަކު މަދުން ކުޅެމުން ދިޔަ ރެއާލްއާ ދެކޮޅަށް ސެލްޓާ އަށް އެކަމުގެ ފައިދާނެގިފައިނުވާއިރު، އޭގެ ފަސް މިނެޓުފަހުން ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫޒް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. ރެއާލްގެ ފަހު ލަނޑު، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ލޫކަސް ވަޒްކޭޒް ޖަހައިދިންއިރު މެޗުގެ އިތުރުވަގުތުގައި ސެލްޓާ އަށް ސުން ކަނޑުވާލައިދިނީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު އިކާ ލޮސާޑާ އެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ވެލެންސިއާ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ވިޔާރެއާލްއާ ގްރެނެޑާ ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. ލެގަނޭސް އަތުން އޮސާސޫނާ 1-0 އިން މޮޅުވިއިރު، ރެއާލް މަޔޯކާ އިން އެއިބާ ބަލިކުރީ 2-1 އިންނެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، އެސްޕަންޔޯލްއާ ދެކޮޅަށް ރަށުންބޭރުގައި ސެވިއްޔާ ނިކުންނައިރު އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ނިކުންނާނީ ގެޓަފޭއާ ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.