ތިން ޤާނޫނަކަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެގޮތުން އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވަނީ ރިޔާސީ އިންތިޚާބުގެ ޤާނޫނާއި، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށްދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތާބެހޭ ޤާނޫނަށްކަމަށް ރައީސް އޮފީހުގެ ފަރާތުން މައުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތާބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙަކީ، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހާއާއި، އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ޤާނޫނު ވުޖޫދަށް އައުމަށްފަހު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވުމުންކަމަށް ކަނޑައަޅާ އިސްލާހެވެ.

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙުގެނައުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 (ދިހައެއް) އަހަރު ފަހުން ކަމަށް އޮތް ބައި އުނިކޮށް އެ ޤާނޫނު އިސްލާޙުކުރުމަށެވެ. ރިޔާސީ އިންތިޚާބާއި ބެހޭ ޤާނޫނަށް އެ އިސްލާހު ގެނެސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ގައި އޮތް ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެވޭނޭ ގޮތް ހެދުމަށެވެ. 

މީގެ އިތުރުން ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވާ ތިން ވަނަ ޤާނޫނަކީ، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުން ލިބިދީފައިވާ އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެއުޅެވޭނެ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ވަރަށް ފުޅާ ދާއިރާއެއްގެ އިޚްތިޔާރުތަކެއް ސަރުކާރަށް ލިބިދިނުމަށާއި، އެވަގުތު އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަރަކާތްތައް ހުއްޓުވުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅައި އެޤާނޫނު އިސްލާހު ކޮށްފައިވެއެވެ. 

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ އެޤާނޫނުން އެބައި އުނިކޮށް ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާހުކުރުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.