ސްޕެއިނުގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ، ލޯން އެއްބަސްވުމެއްގެ ދަށުން އެއް އަހަރު ދުވަހަށް ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.

ޖަރުމަން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ހާތާ ބާލިންއާ 2-2 އިން ބަޔާން އެއްވަރުވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބަޔާންގެ ސީއީއޯ ކާލް-ހެއިންޒް ރުމެނިގޭ ވަނީ ކުޓީނިއޯ އެ ޓީމާ ގުޅުނުކަން ކަށަވަރުކޮށްދީފައެވެ.

"ހަސަން ސާލިހަމިޒިޗް އާއި އަހަރެމެންގެ ދެމީހުން މިދިޔަ ބުދަ ދުވަހު ވާނީ ބާސެލޯނާ އާއެކު ކުޓީނިއޯގެ ޓްރާންސްފާއާ ގުޅޭގޮތުން އެއްބަސްވުމަކަށް އައިސްފައި." ރުމެނިގޭ ބުންޏެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި، އެ ޓީމުގެ ދެލަނޑުވެސް ޖަހައިދިނީ ޕޮލެންޑްގެ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. ހާތާ އަށް ލަނޑުޖަހައިދިނީ ޑޯޑީ ލުކެބަކިއޯ އާއި މާކޯ ގްރުޖިޗް އެވެ.

ބަޔާންގެ މެޗަށްފަހު ކުޓީނިއޯއާ ބެހޭގޮތުން އެ ޓީމުގެ ކޯޗު ނިކޯ ކޮވަޗް ވަނީ ވާހަކަދައްކާފައެވެ. އެގޮތުން، ކޮވަޗް ބުނީ ކުޓީނިއޯ ފަދަ ތަފާތު މޮޅު ކުޅުންތެރިއަކު ބަޔާން އަށް އައުމަކީ ބުންޑަސްލީގާ އަށް ވެސް ބޮޑު އުފަލެއްކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި ކުޓީނިއޯ ފެންވަރުގެ މޮޅު ކުޅުންތެރިއަކު އެ ޓީމާ ގުޅުނު ކަމީ ބުންޑަސްލީގާ އަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް." ކޮވަޗް ބުންޏެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ އަކީ ލިވަޕޫލް ދޫކޮށް 120 މިލިއަން ޔޫރޯ އަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބާސެލޯނާއާ ގުޅުނު ކުޅުންތެރިޔެކެވެ. ޒަވީ ހެނާންޑޭޒް އާއި އަންދްރެއަސް އިނިއެސްޓާ ނެތްތަން ފޫބެއްދުމަށްޓަކައިގެނައި ކުޓީނިއޯ އަށް އެ ކްލަބުގައި ހޭދަކުރީ ދޮޅު އަހަރުގެ ތެރޭގައި މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ސަޕޯޓަރުންނާ ދެމެދު އޮތް ގުޅުންވެސް ވަނީ ގޯސްވެފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ބާސެލޯނާ އިން ވަނީ އެކި ފަހަރުމަތިން ކުޓީނިއޯ ވިއްކާލުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން، ޕީއެސްޖީން ނޭމާ ގެނައުމަށްޓަކައި އެ ޑީލްގައި ހިމެނިއިރު، އެކަން ކޮޅެއްގައި ނުޖެހުމުން، ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކަށް ވެސް ވިއްކާލުމަށް ހުށަހެޅިއެވެ.

ބަޔާނުން ކުޓީނިއޯ ގެނެސްފައިމިވަނީ، ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު އާރެން ރޮބެން އާއި ފްރޭންކް ރިބެރީ އެ ޓީމު ދޫކޮށްލުމުން އެ މަގާމަށް ކުޅޭނެ ކުޅުންތެރިން ހޯދުމަށް އެ ޓީމުން މިހާތަނަށް ކުރި މަސައްކަތްތައް ކާމިޔާބުނުވުމުންނެވެ. މީގެކުރީން، އެ ޓީމުން މެންޗެސްޓާ ސިޓީގެ ލެރޯއީ ސާނޭ ގެނައުމަށް ކުރި މަސައްކަތަށް ހުރަސްއެޅުނީ ދާދިފަހުން އޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ހައެއް ނުވަތަ ހަތް މަސްދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. 

ލިވަޕޫލްގައި މޮޅު ކުޅުމެއް ދެއްކި ކުޓީނިއޯ އަށް މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ކުޅުނު 54 މެޗުގައި ޖެހުނީ އެންމެ 11 ލަނޑެވެ. ބްރެޒިލާއެކު އެންމެފަހުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރި ކުޓީނިއޯ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 55 މެޗުގައި 15 ގޯލްޖަހާފައެވެ.

ބަޔާން އާއެކު ކުޓީނިއޯ އަށް ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުޞަތު ލިބިގެންދާއިރު، ލޯން އެއްބަސްވުން ހަމަވުމުން ކޮންޓްރެކްޓް ދާއިމީކުރުމުގެ ފުރުޞަތުވެސް ބަޔާން ލިބިގެންވެއެވެ.

މީގެއިތުރުން، ބާސެލޯނާ އިން ކުޓީނިއޯ ދޫކޮށްލުމާ އެކު، އެ ޓީމުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ގެނައުމަށް ކުރާ މަސައްކަތުގައި އިތުރު ހިތްވަރެއް ވަނީ ލިބިފައެވެ. މިހާތަނަށް އައިއިރު ބާސެލޯނާގެ ހުށަހެޅުންތަކަށް ޕީއެސްޖީން ފުރަގަސްދީފައިވާއިރު، ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އިތުރު ބިޑެއް ކުރާނެކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.