ސްޕެނިޝް ލަލީގާގެ އާ ސީޒަނުގެ ފުރަތަމަ މެޗުގެ ފަހުވަގުތު އެރިޓްޒް އަދުރިޒް ކާމިޔާބުކުރި ލަނޑާއެކު އެތުލެޓިކް ބިލްބާއޯ އަތުން އެންމެފަހުގެ ލީގު ޗެމްޕިއަން ބާސެލޯނާ ބަލިވެއްޖެއެވެ. މި މެޗުން ބިލްބާއޯ މޮޅުވީ 1-0 އިންނެވެ.

މިއީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ލީގުގެ ފުރަތަމަ މެޗުގައި ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ. އެ ޓީމު އެންމެފަހުން ބަލިވީ 2008/2009 ވަނަ އަަހަރުގެ ސީޒަނުގައި ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ނުމާންސިއާ އަތުން 1-0 އިންނެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ނުކުޅެވުމެވެ. މީގެއިތުރުން، އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ސާޖިއޯ ބުސްކެޓްސް އާއި އިވާން ރަކިޓިޗަށް ޖާގަ ލިބުނީ ބެންޗުންނެވެ.

ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ 30 މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ބާސެލޯނާގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް، އެ ޓީމުގެ އިނާކީ ވިލިއަމްސް ފޮނުވާލި ދެ ހަމަލާވެސް ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރެ ޓަ ސްޓެގަން މަތަކުރިއެވެ. އޭގެފަހުން، އެ ޓީމުގެ އުނާއި ލޮޕޭޒް އާއި ރައުލް ގާސިއާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެސް ޓަ ސްޓެގަން އެވެ.

މި ހާފުގައި ބާސެލޯނާ އަށް ލަނޑުޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މެޗުގެ 32 ވަނަ މިނެޓުގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒަށް ފޮނުވާލި ހަމަލާ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެ ފަސް މިނެޓުފަހުން ސުއަރޭޒަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތް ރަފީނިއާ އަލްކަންތާރާ ފުރަތަމަ ހާފު ނިމެން ދަނިކޮށް ފޮނުވާލި ބޯޅަ ބިލްބާއޯގެ ކީޕަރު އުނާއި ސިމޮން މަތަކުރިއެވެ.

ދެވަނަ ހާފުގައި ބާސެލޯނާގެ ކުޅުންތެރިންނަށް ބިލްބާއޯގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ. މި ހާފުގައި ކުޅެން ނިކުތް ކްރޮއޭޝިއާގެ ރަކިޓިޗް ފޮނުވާލި ބޯޅަ ގޯލަށްވުރެ މާ މަތިން ދިޔައިރު، އެންޓޮއިން ގްރީޒްމަން ފޮނުވާލި ދެ ހަމަލާއެއް ދިޔައީ ގޯލްގެ ދަނޑިކައިރިންނެވެ.

ދެ ޓީމަށް ލަނޑެއްނުޖެހި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް، މެޗުގެ 89 ވަނަ މިނެޓުގައި ބިލްބާއޯގެ ހަމައެކަނި ލަނޑުޖަހައިދިނީ މި ސީޒަނަށްފަހު ކުޅުން ހުއްޓާލަން ނިންމާފައިވާ ތަޖުރިބާކާރު ފޯވާޑް އަދުރީޒް އެވެ. މިއީ އެ ޓީމުގެ އޮސްކާ ޑެ މާކޯސް ކަނާތްފަޅިން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ޕެނަލްޓީއޭރިޔާތެރެއިން 'ސިޒަރކިކަކުން' އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ގޯލާއެކު އުމުރުން 38 އަހަރުގެ އަދުރީޒް ވެފައިވަނީ މެސީ އަށް ފަހު ލަލީގާގެ ވިދިވިދިގެން 15 ސީޒަނުގައި ލަނޑުޖެހި ދެވަނަ ކުޅުންތެރިޔާ އަށެވެ.

ސްޕެނިޝް ލީގުގައި މިއަދު ކުޅެވޭ މެޗުތަކަށް ބަލާއިރު، ސެލްޓާ ވިގޯއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގެ އިތުރުން ރެއާލް ސޮސިއެޑާޑްއާ ވެލެންސިއާ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.