ޚަބަރު
ތިލަފުށިން ބީލަމުގެ އުސޫލުން ބިން ގަތުމަށް ހުޅުވާލައިފި

ތިލަފުށީގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ މީހުން، ބިން މިލްކުކުރަން ބޭނުންވާ ނަމަ ބީލަމުގެ އުސޫލުން ބިން ގަތުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ހުޅުވާލައިފި އެވެ.

ތިލަފުށިން ބިން މިލްކުކުރަން ބޭނުންވާ މީހުން ސިޓީއަކުން އެ ކަމަށް އެދި ހުށައަޅަން އެދި މި މަހުގެ ދެވަނަ ދުވަހު ހުޅުވާލާފަ އެވެ. އަދި އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އެކަމަަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށައަޅަންވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ޒޯން އޭގެ އޭރިޔާ ބީގައި މިހާތަނަށް ނުވިކިހުރި ބިންތަކެވެ. ވިޔަފާރީގެ ބޭނުންތަކަށް ބީލަމުގެ އުސޫލުން މުޅި ޖުމްލަ ތިލަފުށިން 108 ބިން ވިއްކަން ވަނީ ކަނޑައަޅާފަ އެވެ.

ތިލަފުށީގެ ބިން ވިއްކުން ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. އަދި ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ، ބިޑް ކުރުމެވެ.

މީގެ އިތުރުން، ތިލަފުށީގެ ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް، ބިން މިލްކުކުރެވޭގޮތަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށެވެ.

ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top