މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒްގެ މުސްތަގްބަލާމެދު ސުވާލު އުފެދިފައިވާކަމަށް މީޑިއާގައި އަޑުއަރާފައިވީނަމަވެސް އެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރުމުގެ ފުރުޞަތު އެބައޮތްކަމަށް ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

އެގޮތުން، ބައެއް މީޑިއާ ހަބަރުތައް ބުނާގޮތުން މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ސަންޗޭޒް އެނބުރި އިޓަލީ އަށް ދާން ބޭނުންވާކަމުގެ ވާހަކަތައް ފެތުރިފައިވާއިރު، ސޯލްޝެއާ ދެކޭގޮތުގައި އެ ޓީމު ދޫކޮށް އިންޓަ މިލާނަށް ބަދަލުވި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ނެތްތަން ފޫބެއްދުމަށްޓަކައި ސްކޮޑުގައި ސަންޗޭޒްގެ ބޭނުންހިފޭނެއެވެ.

"އަލެކްސިސް އަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. ފަރިތަކުރުންތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިއެއް. އޭނާއާ ބެހޭގޮތުން މީޑިއާގައި މި ދެކެވެނީ މުޅިން ދޮގު ވާހަކަތަކެއް." ސޯލްޝެއާ ބުންޏެވެ.

"މިވަގުތު، އެހެން ކުޅުންތެރިންނާ އަޅާ ބަލާއިރު ސަންޗޭޒްގެ ފިޓްނަސް ލެވެލް ހުރީ ދަށްކޮށް. ނަމަވެސް، ވަރަށް އަވަހަށް ޓީމާއެކު އޭނާ ފެނިގެންދާނެ." ސޯލްޝެއާ ބުންޏެވެ.

"މިހާރު މި ޓީމުގައި ފޯވާޑްލައިންގައި މާގިނަ އޮޕްޝަންތަކެއް ނެތް. އެހެންކަމުން ކުރިން ހީކުރިވަރަށްވުރެ ގިނަ މެޗުތަކުގައި އަލެކްސިސްގެ ކުޅުން ފެންނާނެކަމަށް ބެލެވޭ. އޭނާ އަކީ މި ކްލަބަށް ކުޅެވޭފަދަ ކޮލިޓީ ހުރި ކުޅުންތެރިއެއް." ސޯލްޝެއާ ބުންޏެވެ.

އެންމެފަހުގެ ކޮޕާ އެމެރިކާގައި ލިބުނު އަނިޔާއަކާ ގުޅިގެން ޔުނައިޓެޑްގެ ޕްރީ-ސީޒަން މެޗުތަކުގައިވެސް އެންމެ އެކަށީގެންވާ ވަރަށް ސަންޗޭޒަށް ބައިވެރިވެވިފައިނުވާއިރު، ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް އެ ޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައިވެސް އޭނާ ނުފެންނާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.