ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާގެ ޓްރާންސްފާއާ ގުޅޭ މަޝްވަރާތައް ކުރިއަށްދިޔަނަމަވެސް އަދިވެސް އެކަމުގައި ކުރިއެރުމެއް ނުލިބޭކަމަށް އެ ކްލަބުގެ ސްޕޯޓިން ޑައިރެކްޓަރު ލިއޮނާޑޯ ބުނެފިއެވެ.
ނޭމާ ގެންދިއުމަށްޓަކައި ބާސެލޯނާ އިން ޕީއެސްޖީއާއެކު މިހާރު ރަސްމީކޮށް މަޝްވަރާތައް ފެށިގެން ކުރިއަށްދާއިރު އެ ކްލަބުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން، އެ ކްލަބުގެ ފަރާތުން ވާހަކަދައްކަމުން ލިއޮނާޑޯ ވެސް އެކަމުގައި ކުރިއެރުމެއްނުލިބޭކަން ކަށަވަރުކޮށްދީފައެވެ.
"އެންމެންނަށް އެނގޭނެ ފަދައިން، ނޭމާގެ މުސްތަގުބަލާގުޅޭގޮތުން މިހާރު މަޝްވަރާތައް ކުރިއަށް އެބަދޭ. ނަމަވެސް، މިހާތަނަށް އައިއިރު އެކަމުގައި އަދި އެއްވެސް ކުރިއެރުމެއް ނުލިބޭ." ލިއޮނާޑޯ ބުންޏެވެ.
ބާސެލޯނާގެ އިތުރުން ވާދަވެރި ރެއާލް މެޑްރިޑުން ވެސް ނޭމާ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެ ކްލަބުން ބިޑްކުރާނެކަމަށް ބެލެވެނީ ޓްރާންސްފާ ފީއަކާއެކު ބަދަލުގައި ކުޅުންތެރިން ހިމެނޭގޮތަށް ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ. އެކަމަކު، ޕީއެސްޖީގެ ވިސްނުން ހުރީ ބާސެލޯނާ އިން ނޭމާ ގަތުމަށް ހޭދަކުރީ 222 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއާއި ގާތްކުރާވަރުގެ ހުށަހެޅުމެއް ލިބުމުން ނޫނީ ދޫނުކުރާގޮތަށެވެ.
ދާދިފަހުން، ސްޕެއިނުގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ގިލޭމޯ ބަލަގޫ ބުނީ، ޕީއެސްޖީގެ ރުހުން ހޯދަން ބާސެލޯނާގެ ފަރާތުން ވަރަށް ރަނގަޅު ބިޑެއް ހުށަހެޅުމަށް ބާރުއެޅުވުމުގެ ގޮތުން ނޭމާގެ މުސާރަ ކުޑަކުރަން ތައްޔާރަށް ހުރިކަމަށެވެ. އެގޮތުން، މިހާރު ލިބޭ 38 މިލިއަން ޔޫރޯގެ ބަދަލުގައި 23 މިލިއަން ޔޫރޯގެ މުސާރައެއްގައި ބާސެލޯނާ އަށް ބަދަލުވުމުގައި އޭނާގެ މައްސަލައެއް ނެތްކަމަށް ބަލަގޫ ބުނެފައިވެއެވެ.
މީގެއިތުރުން، ނޭމާގެ ޓްރާންސްފާ ކަންތައްތަކާމެދު ޕީއެސްޖީގެ އެންމެ އިސްކޮށްއުޅޭ ސަޕޯޓަރުންވެސް ވަނީ ނުރުހުމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން، ފްރެންޗް ލީގުގައި އެ ޓީމު އެންމެފަހުން ކުޅުނު މެޗުގައި ނީމްސް އަތުން 3-0 އިން މޮޅުވިއިރު، ސްޓޭޑިއަމްގައި ބެނާތައް ހިފައިގެން ނޭމާއާ ދެކޮޅަށް އަޑުއުފުލައި އޭނާ ދޫކޮށްލުމަށް ކްލަބުގެ ކިބައިން އެދިފައިވެއެވެ.
މިކަމާ ގުޅޭގޮތުން ލިއޮނާޑޯ ބުނީ ނޭމާގެ ފަރާތުން ގޯސް ކަންތައްތަކެއް ފެނިގެންގޮސްފައިވީނަމަވެސް، އޭނާ އަކީ ރަނގަޅު ކުޅުންތެރިއެއްކަމަށެވެ. އެންމެކުރިން ނޭމާ އެހާ ބޮޑަށް އޭނާއަށް ނޭނގުނު ނަމަވެސް މިހާރު ވަރަށް ރަނގަޅަށް އެނގޭކަމަށާއި، ދަނޑުމަތީގައިވެސް ނޭމާގެ ހުނަރުވެރިކަމާ މެދު ދެބަސްވާނެ ޖާގައެއް ނެތްކަމަށެވެ.
"ބައެއް ގޯސްތައް ނޭމާއަށް ހެދިފައިވީނަމަވެސް، އަހަރެން ގަބޫލުކުރަނީ ނޭމާ އަކީ ރަނގަޅު ކުޅުންތެރިއެއް ކަމަށް. ދަނޑުމަތީގައިވެސް އޭނާގެ ހުނަރުވެރިކަން ވަނީ ފެނިފައި." ލިއޮނާޑޯ ބުންޏެވެ.
ލިއޮނާޑޯ ވަނީ ނޭމާގެ އަނިޔާގެ މައްސަލައާއި ގުޅޭގޮތުން ވެސް ވާހަކަދައްކާފައެވެ. އެގޮތުން، އޭނާ ބުނީ ނޭމާ މިވަގުތު އަނިޔާއިން މުޅިން ރަނގަޅުވެފައިވާ ކަމަށާއި، ފިޓްނަސް މައްސަލަނެތްކަމަށެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު ޕީއެސްޖީގެ މެޗަކުން ފެނިފައިނުވަނީ ނޭމާގެ މުސްތަގްބަލާމެދު ވަކިގޮތެއް ނުނިމޭތީވެއެވެ.
"ދުނިޔޭގެ އެންމެ ފުންނާބު އުސް ޑޮކްޓަރުންގެ އެހީތެރިކަމާއެކު ނޭމާގެ ކަނާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއިން މިހާރު ރަނގަޅުވެއްޖެ. ކަންބޮޑުވާންޖެހޭވަރުގެ ކަމެއް ނެތް." ލިއޮނާޑޯ ބުންޏެވެ.