ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލިއޮނަލް މެސީ އަދި ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ނޮމިނޭޓްވެއްޖެއެވެ.

މި އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އޮންނަ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ގުރުނެގުމުގެ ރަސްމިއްޔާތުގައި ހޮވާ މި އެވޯޑަށް ކުޅުންތެރިން ޝޯޓްލިސްޓްކުރީ ނިމިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުރޮޕާ ލީގުގައި ވާދަކުރި ޓީމުތަކުގެ ޖުމްލަ 80 ކޯޗުންނާއި، ޔުއެފާގެ މެންބަރު ގައުމުތަކަށް ނިސްބަތްވާ 55 ނޫސްވެރިންގެ ޕެނަލަކުންނެވެ.

މިހާތަނަށް މި އެވޯޑް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. މީގެއިތުރުން، އޭނާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމާއެކު ޔުއެފާ އިން އަލަށް ތައާރަފްކުރި ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.

މީގެކުރިން މި އެވޯޑް ދެ ފަހަރު ހޯދާފައިވާ މެސީ ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމަށް ގިނަ ގޯލްތަކެއް ކާމިޔާބުކޮށް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 12 ގޯލާއެކު އެ މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހީވެސް މެސީ އެވެ. އޭނާ ވަނީ މުޅި ސީޒަނުގައި ބާސެލޯނާ އަށް ކުޅެދިން 50 މެޗުގައި 51 ލަނޑުޖަހާފައެވެ.

މިފަހަރުގެ އެވޯޑަށް ވާދަކުރާ ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވެން ޑައިކް ވަނީ ލިވަޕޫލަށް ޕްރިމިއާ ލީގުގެ ދެވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރުމުގެ އިތުރުން އެ ޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، އޭނާ ވަނީ ގައުމީ ޓީމާއެކު ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

ޔުއެފާ އިން 2011 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑަށް މިހާތަނަށް ޝޯޓްލިސްޓްކުރި ގަދަ 3 ގައި ހިމެނުނު ހަމައެކަނި ޑިފެންޑަރަކީވެސް ވެން ޑައިކް އެވެ.

ޔުއެފާ އިން ވަނީ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ޝޯޓްލިސްޓް ކުރެވުނު ތިން ކުޅުންތެރިންވެސް އިއުލާންކޮށްފައެވެ. އެގޮތުން، މި ފަހަރުގެ ގަދަ 3 ގައި ހިމެނެނީ އޮލިމްޕިކް ލިޔޯން އަށް ކުޅެމުން އަންނަ އިންގްލެންޑްގެ ލުސީ ބްރޯންޒް އާއި ފްރާންސްގެ އެމަންޑީން ހެންރީ އަދި 2016 ވަނަ އަހަރު މި އެވޯޑް ހާސިލްކުރި ނޯވޭގެ އާޑާ ހެގަބާގް އެވެ.

މި ތިން ކުޅުންތެރިންވެސް ލިޔޯން އާއެކު ވިމެންސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ހެގަބާގް ފިޔަވާ ބްރޯންޒް އަދި ހެންރީ ވެސް ވަނީ އެންމެފަހުގެ ފީފާ ވިމެންސް ވޯލްޑްކަޕްގައި ކުޅެފައެވެ. އެގޮތުން، ބްރޯންޒް ވަނީ އިންގްލެންޑާއެކު ސެމީ ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ދެވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ އެޑިޑާސް ސިލްވާ ބޯލް ވެސް ހާސިލްކޮށްފައެވެ. ފްރާންސް އާއެކު ހެންރީ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.