ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އާ ސީޕްލޭން ޓާމިނަލްގެ 73 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް، ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އާ ސީޕްލޭން ޓާމިނަލްގެ 73 އިންސައްތަ ނިމިފައިވާކަމަށާއި، މިހާރު ކުރިއަށް ދަނީ ސީޕްލޭން ޓާމިނަލްގެ ފިނިޝިން މަސައްކަތާއި ސީޕްލޭންތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އަޅާ ހޮޅިތައް އެޅުމާއި ސީޕްލޭންގެ މަލަމަތި ރީތި ކުރުމުގެ މަސައްކަތް ކަމަށެވެ.

ސީޕްލޭން ޓާމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއާޕޯޓް ތަރައްޤީ ކުރަން ފެށި އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ގެ ތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ.

ސީޕްލޭން ޓާމިނަލް ތަރައްޤީ ކުރުމަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ޚަރަދު ކުރެއެވެ. އާ ޓާމިނަލް ހަދަމުންދަނީ 28،000 އަކަ މީޓަރުގެ ޖާގައެއްގައި، މިހާރު ހުރި ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑުކޮށެވެ.

ޗައިނާގެ އެންމެ ބޮޑު ކޮންސްޓަރކްޝަން ކުންފުނިކަމަށްވާ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީޔޫސީޖީއާ ހަވާލުކޮށްގެން އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރާއިރު، އަލަށް ތަރައްޤީކުރާ ސީޕްލޭން ޓާމިނަލަކީ މިހާރު ބޭނުންކުރާ ޓާމިނަލާ ތަފާތުކޮށް އިމާރާތުގެ ދެފަރާތުންވެސް ބޭނުންކުރެވޭގޮތަށް ތަރައްޤީކުރާ ޓާމިނަލްއެކެވެ.

މި ސަރުކާރުން ކުރިން ވިދާޅުވެފައި، ވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހަށް ޓާމިނަލްގެ މަސައްކަތް ނިމި ބޭނުން ކުރަން ފެށޭނެ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.