ތަމްރީނު ހަދަމުން ދަނިކޮށް އިންޖީނު ފެއިލްވެގެން މިދިޔަ ހުކުރު ދުވަހު، ޝަންގްރިއްލާ ރިސޯޓް ބޭރަށް ކަނޑަށް ޖެއްސި އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ފްލައިންގް ސްކޫލުގެ ބޯޓު މޫދު އަޑިން ނަގައިފި އެވެ.
އިންޖީނު ފެއިލްވުމުގެ ސަބަބުން ކަނޑަށް ޖެއްސި ބޯޓު ވަނީ ކަނޑަށް ޖެއްސުމާއި އެކު އަޑިއަށް ގޮސްފައެވެ. އެ ބޯޓު ނަގާފައި ވަނީ މިއަދު މެންދުރު ބާޖަކާއި ކްރޭނެއްގެ އެހީގަ އެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓު އޮތީ 8.6 މީޓަރު އަޑީގައި ކަމަށެވެ.
ބޯޓު މޫދަށް ޖެއްސިއިރު އޭގައި ތިބީ އިންޑިއާގެ އިންސްޓްރަކްޓަރެއްގެ އިތުރުން މަރަދޫ އަށް ނިސްބަތްވާ އަންހެން ދަރިވަރެކެވެ. އެ ހާދިސާގައި ދެމީހުންނަށް ވެސް ގެއްލުމެއް ނުވެއެވެ.
އެ ހާދިސާ ހިނގި ގޮތް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ ބޯޓަކީ 2015 ވަނަ އަހަރު، ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު ބޯޓުވެސް މެއެވެ.