އާމަންޑް ފަދަ ގަހުގެ މަދުތައް ކެއުމަކީ ޓައިޕް 2 ޑައިބެޓީސް ހުންނަ ފަރާތްތަކަށް ހިތުގެ ބަލި ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް ހާވާޑް އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާއިން ދެއްކި ގޮތުގައި ހަކުރުބަލި ހުންނަ ފަރާތްތަކުގެ ތެރެއިން، ހަފްތާއަކު މަދުވެގެން ފަސް ސާވިންގްގެ މަދު ކެއުމަކީ ހަފްތާއަކު އެއް ސާވިންގްގެ މަދު ކެއި މީހުންނަށްވުރެ ކާޑިއޯވެސްކިއުލާ ޑިޒީސް ޖެހުމުގެ ފުރުސަތު 17% ކުޑަކޮށްދޭ ކަމެއް ކަމަށެވެ. އަދި ހަމަ އެހެންމެ ކޮރޯނަރީ ހާޓް ޑިޒީސް ޖެހުމުގެ ފުރުސަތު 20% ކުޑަވާއިރު، ކާޑިއޯވެސްކިއުލާ ޑިޒީސްގެ ސަބަބުން މަރުވުމުގެ ނުރައްކާ 34% ކުޑަވެގެންދެއެވެ. އަދި ޖުމްލަކޮށް ހުރިހާ ބަލިތަކުގެ ސަބަބުން މަރުވުމުގެ ނުރައްކާ 31% ކުޑަވެގެންދާ ކަމަށްވެސް ދިރާސާއިން ވަނީ ދައްކައިފަ އެވެ.
މި ދިރާސާގައި ޓައިޕް 2 ޑައިބެޓީސް ޖެހިފައިވާ 16،217 ފިރިހެނުންނާއި އަންހެނުން ވަނީ ބައިވެރިވެފަ އެވެ. ދިރާސާގައި ސާވިންގް އަކަށް ބަލާފައި ވަނީ އެއް އައުންސު ނުވަަ 28 ގްރާމްގެ މަދެވެ. ހާވާޑް ޔުނިވާސިޓީގެ ދިރާސާވެރިން ބުނި ގޮތުގައި ހަކުރުބަލި ޖެހުމުން މަދު ކެއުމުގެ އާދަތައް ބަދަލުނުކުރާ މީހުންނާއި އަޅާބަލާއިރު، ގިނައިން މަދު ކާން ފެށި މީހުންނަށް ކާޑިއޯވެސްކިއުލާ ޑިޒީސް ޖެހުމުގެ ނުރައްކާ 11% ކުޑަވީއިރު، ކޮރޯނަރީ ހާޓް ޑިޒީސް ޖެހުމުގެ ފުރުސަތު 15% އަދި ކާޑިއޯވެސްކިއުލާ ޑިޒީސްގެ ސަބަބުން މަރުވުމުގެ ނުރައްކާ 25% ކުޑަވެގެންދެއެވެ. އަދި ޖުމްލަކޮށް ހުރިހާ ބަލިތަކުގެ ސަބަބުން މަރުވުމުގެ ނުރައްކާ 27% ކުޑަވެގެންދާ ކަމަށްވެސް ދިރާސާއިން ވަނީ ދައްކައިފަ އެވެ.
މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުންވެސް ވަނީ ހިތުގެ ސިއްޙަތު ރަނގަޅުކުރުމުގައި މަދަކީ މުހިންމު ރޯލެއް އަދާކުރާ އެއްޗެއް ކަމަށާއި، ހަކުރުބަލި ހުރުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެއް ކަމަށް ދައްކައިފަ އެވެ.