ނޯޓް: މިއީ ދިވެހި ފިރިހެނަކަށް ކުރިމަތިވި ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގެ އަސްލު ނުގެއްލޭނެހެން އުނި އިތުރު ގެނެސްފައިވާނެއެވެ. އަދި މަސްލަހަތަށްޓަކައި މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ހާދިސާގެ ނަންތަކެއް ނޫނެވެ.

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަރެންގެ ޅަ ދުވަސްވަރެވެ. އެންމެ 16 އަހަރުގައި އަހަރެން މަގުމައްޗަށް ގިނަވިއެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތިއެވެ. ބަނޑުފުރާ މުއްތިކުރާނެ ފަދައެއް ނެތެވެ. ރަނގަޅު އެކުވެރިން އަހަރެން ދުރުކޮށްލިއެވެ. އާއިލާގެ މީހުން އަހަންނަށް ނަފްރަތު ކުރިއެވެ. އަހަރެންގެ މުޅިން އެކަނިވިއެވެ. އެކަނިވެރިކަމާއި މާޔޫސްކަން އައިސް އަހަރެން ވަށާލައިފައިވީއިރު، އަހަރެންގެ އަތުގައި ހިފައި، ނުބައި ނިޔަތެއްގައި ނަމަވެސް، އަހަންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ މާލޭގެ ނަން މަޝްހޫރު ގޭންގަކަށް ނިސްބަތްވާ ދެކެފަރިތަ ފަރާތެއްކަށްވާ އަސީލްއެވެ. އަސީލް އަހަރެންގެ ވާހަކަތައް އަޑުއެހުމަށް ފަހު އަސީލްމެން ގޭންގުގެ މީހުން ދިރިއުޅޭ އެޕާޓުމެންޓަކަށް އަހަރެން ގެންދިޔައެވެ. އަދި އަހަންނަށް އެތާނގައި އުޅެވޭނެ ކަމަށް ބުންޏެވެ.

ފުރަތަމަ ދުވަސްތައް ފާއިތުވީ އަހަރެން ހީކުރި ގޮތާއި ހިލާފަށެވެ. އުންމީދުވެސް ނުކުރާހާ ފުރިހަމައަށެވެ. އަހަރެން ބޭނުންވާ ކާނާއެއް އެމީހުން އަހަންނަށް ދިނެވެ. އަގުބޮޑު ސެންޓާއި، ރީތި އަންނައުނު އަހަންނަށް ގަނެދިނެވެ. މޮޅު ފޯނެއް އަހަންނަށް ދިނެވެ. މި ހުރިހާ ކަމެއް އަހަންނަށް އެމީހުން ކޮށްދިން އިރު، އެމީހުންގެ ނިޔަތާއި މެދު އަހަރެން ކުޑަކޮށްވެސް ވިސްނާ ނުލަމެވެ. ފަހަރުގައި އަހަރެންގެ "ގަމާރު" ސިކުނޑިއަށް އެވަރު "ގެޓު" ނުވީކަމަށްވެސް ވެދާނެއެވެ.

މިފަދަ ގޮތަކަށް އަހަރެންގެ ދުވަސްތައް ގުނަމުން ދިޔައީމެވެ. އުފާވެރިކަމާއި ހިތްހަމަ ޖެހުމާއި އެކުގައެވެ. އަސީލްމެން އެޕާޓުމެންޓުގައި އަހަރެން ދިރިއުޅެމުން އައިއިރު ތަފާތު މިޖާޖުގެ މީހުންނާއި އަހަންނާއި ދިމާވެއެވެ. ގިނައީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުގެ ދުނިޔޭގައި ދިރިއުޅެމުން އަންނަ މީހުންނެވެ. މާރާމާރީއާއި ވައްކަމާއި މިފަދަ ބޮޑެތި ކުށްތަކަށް އަރައިގަނެފައިވާ މީހުންނެވެ. މިފަދަ ބައެއްގެ ތެރޭގައި ދިރިއުޅެން އަހަންނަށް އާދަވިއެވެ. ބިރެއް ފިކުރެއް ނެތިއެވެ. ބައެއް ފަހަރު އެމީހުންނާއި އެކު މަސްތުވާތަކެތީގެ އަޖުމަ އަހަރެންވެސް ބަލަމެވެ. މަސްތުގެ ދުނިޔެއަށް އަހަރެން މަޑުމަޑުން ލޯހުޅުވެން ފެށިއެވެ. އެންމެ ފަހުން މަސްތުވާތަކެތި ގަދައަށް ބޭނުން ކުރާ މީހަކަށް އަހަރެންވިއެވެ. އަދި މަސްތުވާތަކެތީގެ ބޮޑެތި ޑީލްތައް ނިންމާ އިސް ފަރާތަކަށް އަހަރެންވިއެވެ. ފައިސާއާއި ތަނަވަސްކަން އަހަންނަށް ރޭކާލީ އެހާ ހިސާބުންނެވެ. ކޮންމެ ދުވަހަކު އެތައް ފައިސާއެއް އަހަންނަށް ލިބެއެވެ. ޕާޓީ ކުރުމާއި، ޒިނޭ ކުރުމާއި، މިފަދަ ނުބައި ނުލަފާ އާދަތައް އަހަރެންގެ ކަށީގައި ހަރުލިއެވެ. އެއިރު އަހަރެންގެ މުސްތަޤުބަލާއި މެދު އަހަރެން ކުޑަކޮށްވެސް ވިސްނާ ނުލަމެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ގޮސް އަހަރެންގެ އުމުރުން 20 އަހަރު ފުރިއްޖެއެވެ. މިހާރު އަހަންނަކީ ގޭންގްގެ ބަސް ވިކޭ މީހަކަށް ވެއްޖެއެވެ. ބޮޑެތި މައްސަލަތައް ނިންމާ ތަނުގެ ބޮޑެތި ސިއްރުތައް އެނގޭ ފަރާތަކަށް އަހަރެންވެއްޖެއެވެ. އަހަރެންގެ ނަން މާލޭގައި ގޭންގަތަކުގެ މެދުގައި މަޝްހޫރުވެއްޖެއެވެ. އުފާވެރިކަމާއި، ތަނަވަސްކަމުގައި އަހަރެންގެ ދުވަސް ގުނަމުން ދިޔައިރު، ކުޑަވެސް ނުތަނަވަސްކަމެއް އަހަރެންގެ ނެތެވެ. މާދަމާވެސް އަހަރެން ޖަލުގެ ތޭރީގައި ހައްޔަރުވެފައި ނުކަމެތި ހާލުގައި ވެދާނެ ކަމުގައި އަހަންނަށް ވިސްނައެއް ނުލެވުނެވެ.

މަސްތީ ދުނިޔޭގައި އަަހަރެން އުދުހެމުން އައީމެވެ. މަސްތުގެ ވަކިތައް އަހަރެންގެ އެތެރެހަށީގައި ވަނީ ވަކި ހިއްޕާލާފައެވެ. އެ ވަކިތަކުން އަހަންނަށް ދުވަހަކުވެސް ދުރުވެވޭނެ ކަމަށް އަހަރެންގެ ޒަމީރު ގަބޫލެއް ނުކުރެއެވެ. ދުރުވާން ބޭނުންވެސް ނުވަނީއެވެ. ނަމަވެސް ތަޤުދީރުގެ ނިޔާ ބަދަލެއް ނުކުރެވޭނެއެވެ. މަސްތުގެ ދުނިޔެއިން އަހަރެން މަޑުމަޑުން ފޭއްޔަށް ޖެހެން މަޖުބޫރުވީ، ކޮފީއަކުން އަހަންނާއި ބައްދަލުވެ، ގާތްގުޅުމެއް އުފެދުން ނަޝްވާގެ ސަބަބުންނެވެ. ނަޝްވާއަކީ އަހަންނާއި ދިމާވި އެހެން އަންހެނުންނާއި ވަރަށް ތަފާތު އަންހެން ކުއްޖެކެެވެ. ބުރު ސޫރައާއި އެއްވަރަށް މާތް އަހުލާޤެއްގެ ވެރިއެއްވެސް މެއެވެ. ހުދު ނަޝްވާއަށް އަހަންނަކީ މަސްތުވާތަކެތިން އާމްދަނީ ހޯދާ މީހެއްކަން އެނގެއެވެ. ނަމަވެސް އެކަމާއި ނަޝްވާ މާބޮޑު ފަރުވާލެއް ނުބަހަށްޓައެވެ. ހުރިހާ ކަމެއް ހަމަ "އޯކޭ"އެވެ. ނަޝްވާގެ ފަރާތުން އަހަންނަށް ލިބުނު ލޯތްބާއި އޯގާތެރިކަމަކީ ދުވަހަކު އަހަންނަށް ނުލިބޭ ފަދަ އޯގާތެރިކަމެކެވެ. ގިނަ ވަގުތު ނަޝްވާއާއި އެކު އަހަންނަށް ވަގުތު ހޭދަކުރެވެން ފެށުނެވެ. މަސްތުގެ ދުނިޔެއިން މަޑުމަޑުން ދުރަށް ދާން ފެށުނެވެ. މާގިނަ ދުވަހެއް ނުވެ އަހަންނަށް ނަޝްވާއާއި ވަކި ނުވެވޭ ވަރަށް ލޯބިވެވިއްޖެއެވެ. އަދި ނަޝްވާއާއި އެކު ޖަވާޒީ ހަޔާތެއް ފަށަން އަހަރެން ބޭނުންވިއެވެ. ވުމާއި އެކު، މި ވާހަކަ ނަޝްވާއާއި ހިއްސާކުރީމެވެ. ނަމަވެސް ނަޝްވާ އަހަންނަށް ދިނީ ބީރު ކަންފަތެކެވެ. ޖެހީ "ނޯ"އެވެ. ސަބަބު އަހާލުމުން "ތި އުޅޭ އުޅުން ބަދަލު ކުރަން" ނަޝްވާ ބުންޏެވެ.

ކުޑައިރުއްސުރެ އެ އުޅުމަށް އާދަވެފައި ހުރުމުން ލޯތްބަށްޓަކައިވެސް އެ ވިޔާނުދާ އުޅުމާއި ދުރުވާން އަހަރެން ޖެހިލުންވިއެވެ. ނަމަވެސް ނަޝްވާ ދެކެ ވާ ލޯބީގެ ސަބަބުން މަސްތުގެ ދުނިޔެއިން ނުކުމެވޭތޯ އަހަރެން މަސައްކަތް ފެށީމެވެ. އަހަރެން މަސްތުވާތަކެއްޗާއި ދުރުވާން މަސައްކަތް ކުރާކަން ނަޝްވާއަށްވެސް ފާހަގަވިއެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ބޮޑު ޕާޓީީއަކަށް ފަހު އަހަރެންގެ ޖަވާޒީ ހަޔާތުގެ ބިންގާ ނަޝްވާއާއި އެކު އެޅީމެވެ. އެއިރުވެސް އަހަރެން ކޮންމެވެސް ވަރަކަށް މަސްތުވާތަކެތި ބޭނުން ކުރަމެވެ. މުޅިން ދުރުވާން އުދަނގުލީއެވެ. އެހެނަސް ނަޝްވާގެ އަޅާނުމާއި ހިތްވަރާއި އެކު މަސްތުގެ ދުނިޔެއިން އަހަންނަށް ސަލާމަތްވެވުނެވެ. ސަލާމަތުގެ އައްސޭރިއަކަށް ބަނދަރު ކުރެވުނެވެ. 

މިއަދު އަހަރެން މިއުޅެނީ ހަލާލު މަސައްކަތުން ހޯދާ ފައިސާއިން ހަމަޖެހިގެން އުފަލުގައެވެ. ލޯބިވާ އަނބިމީހާއާއި އެކުގައެވެ. މަސްތުގެ ދުނިޔެއިން އަހަރެން ސަލާމަތްކޮށްދިން ބައިވެރިޔާއާއި އެކުގައެވެ.

ނޯޓް: މަސްތުވާތަކެތި ބޭނުން ކުރުމަކީވެސް އަދި އޭގެ ވިޔަފާރި ކުރުމަކީވެސް އަދި އޭގައި ބައިވެރިވުމަކީވެސް މާތްﷲ ނަހީކުރައްވާފައިވާ ފާފަތަކެކެވެ. އަދި އެއީ އުޤޫބާތް ކަނޑައެޅިފައިވާ ބޮޑެތި ކުށްތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.