ނިދުމުގެ ދޮޅުގަޑިއިރު ކުރިން ގާތްގަނޑަށް 41 ޑިގްރީ ސެލްސިއަސްގެ ހޫނު ފެނުގައި ފެންވެރުމަކީ ނިދި ރަނގަޅުކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެމެރިކާގެ އޮސްޓިންގެ ޔުނިވަސިޓީ އޮފް ޓެކްސަސްގެ ދިރާސާވެރިން ވަނީ 5،322 ދިރާސާއެއް ރިވިއުކޮށްފަ އެވެ. އެ ތަހުލީލްތަކުން ހޯދި ގޮތުގައި 104-109 ޑިގްރީސް ފެރެންހައިޓް (40-43 ޑިގްރީސް ސެލްސިއަސް) އަކީ ނިދުމުގެ ކުރިން ފެންވަރަން އެންމެ ރަނގަޅު ފިނިހޫނިމިން ކަމަށެވެ.
އަދި ނިދުމުގެ ދޮޅުގަޑިއިރު ކުރިން ފެންވެރުމަކީވެސް ނިދުން އެވަރެޖުކޮށް ގާތްގަނޑަކަށް 10 މިނެޓު އަވަސްކޮށްދޭ ކަމެއް ކަމަށްވެސް ސްލީޕް މެޑިސިން ރިވިއުސް ޖާނަލްގައި ޝާއިރުކޮށްފައިވާ ދިރާސާގައި ބުނެފައިވެއެވެ.
ފެނުން ހަށިގަނޑު ހޫނުކުރުމާއި، ނިދި ރަނގަޅުވުމާއި ގުޅުމެއްވާކަން މީގެ ކުރިންވެސް ހޯދިފައިވާ ކަމަށް ދިރާސާވެރިން ބުނެއެވެ. މިސާލަކަށް، ނިދީގެ އިތުރުން ހަށިގަނޑުގެ ކޯ ޓެމްޕަރޭޗާވެސް ރެގިއުލޭޓްކޮށްދެނީ ސިކުނޑީގެ ހައިޕޮތެލެމަސްގައި ހުންނަ ސާކޭޑިއަން ގަޑިއަކުންނެވެ. އެ ގަޑިއަކީ ނިދުމާއި ހޭލުންފަދަ ގިނަ ނިޒާމްތަކެއް ކޮންޓްރޯލްކުރާ ބައެކެވެ.
ނިދުމާއި ހޭލުން ރެގިއުލޭޓްކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ހަށިގަނޑުގެ ފިނިހޫނުމިނުން ސާކޭޑިއަން ސައިކަލްއެއް ރެގިއުލޭޓްކުރެއެވެ. އެގޮތުން ނިދާގަޑިއާއި އަޅާބަލާއިރު މެންދުރުފަހު އާއި ހަވީރު ހަށިގަނޑުގެ ފިނިހޫނުމިން 2-3 ޑިގްރީސް ފެރެންހައިޓް މަތިވެއެވެ. ހަށިގަނޑުގެ ފިނިހޫނުމިން ހުންނަ މިންވަރަކީ އަވަހަށް އަދި ރަނގަޅު ނިންޏެއް ލިބުމުގައި މުހިންމު ރޯލެއް އަދާކުރާ ކަމެއް ކަމަށް ދިރާސާވެރިން ބުނެއެވެ.
ދިރާސާވެރިން ހޯދާފައިވާ ގޮތުގައި ފުރަހަމަ ނިދި ލިބިގަތުމަށްޓަކައި ކޯ ބޮޑީ ޓެމްޕަރޭޗަރ އެކަށީގެންވާ މިންވަރަކަށް ދަށްވާނީ ނިދުމުގެ 90 މިނެޓު ކުރިން ފެންވެރުމުން ކަމަށެވެ. ހޫނު ފެނުން ފެންވެރުމަކީ ހަށިގަނޑުގެ ތާމޯރެގިއުލޭޓަރީ ނިޒާމް އެކްޓިވޭޓްކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މެދުން ފެށިގެން އަތާއި ފައިފަދަ ހިސާބުތަކަށް ލޭދައުރުވާ މިންވަރު އަވަސްކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ފިނިހޫނުމިންވެސް ދަށްވެގެންދެއެވެ.
އެހެންކަމުން ނިދުމުގެ ދޮޅު ގަޑިއިރު ކުރިން ހޫނުފެނުން ފެންވެރުމަކީ ޤުދުރަތީ ކާކޭޑިއަން ނިޒާމަށް އެހީވެ، އަވަހަށް ނިދުމަށާއި ފުރިހަމަ ނިދި ލިބިގަތުމުގައި އެހީވެދޭނެ ކަމެކެވެ.