ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާ އޭނާގެ ތަފާތަކީ ގިނަ ކްލަބްތަކެއްގައި ބޮޑެތި މުބާރާތްތައް ކާމިޔާބުކޮށްފައިވުން ކަމަށް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
މެސީގެ ސީނިއާ ކްލަބް ކެރިއަރުގައި ހަމަައެކަނި ބާސެލޯނާ އަށް ކުޅެފައިވާއިރު، ރޮނާލްޑޯ ވަނީ ސްޕޯޓިން ލިޒްބަންގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސް އަށް ކުޅެފައެވެ.
މެސީގެ ކްލަބު ކެރިއަރުގައި ރޮނާލްޑޯ އަށް ވުރެ ގިނަ މުބާރާތް ކާމިޔާބުކޮށްފައިވީނަމަވެސް، ތަފާތަކީ ހަތަރު ކްލަބެއްގައި ކުޅެ މުހިއްމު ގިނަ ތަށިތަކެއް ކާމިޔާބުކޮށްފައިވުންކަމަށް ރޮނާލްޑޯ ބުނެއެވެ. މެސީ އަށް އާޖެންޓީނާގެ ގައުމީ ޓީމާއެކު ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައިނުވާއިރު، ރޮނާލްޑޯ ވަނީ 2016 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ އިތުރުން ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައެވެ.
އުމުރުން 34 އަހަރުގެ ރޮނާލްޑޯ ބުނީ މެސީގެ ހުނަރުވެރިކަމާ މެދު ދެބަސްވެވޭނެ ޖާގައެއް ނެތްކަމަށާއި، އޭނާ މިހާތަނަށް ހޯދާފައިވާ ބެލަންޑިއޯ އެވޯޑްތަކުގެ އިތުރުން މެދުނުކެނޑި އެއް ލެވެލްއެއްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭކަމީ އޭގެ ހެއްކެއްކަމަށެވެ.
"މެސީ މިހާތަނަށް ހޯދާފައިވާ ބެލަންޑިއޯ އެވޯޑްތަކުގެ އިތުރުން މެދުނުކެނޑި އެއް ފެންވަރެއްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނުމަކީ އޭނާގެ ހުނަރުވެރިކަން ދައްކުވައިދޭ ހެއްކެއް." ރޮނާލްޑޯ ބުންޏެވެ.
"ނަމަވެސް، މެސީއާ އަހަރެންނާގެ ތަފާތަކީ ގިނަ ކްލަބުތަކާއެކު އަހަރެން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވުން. މެސީގެ ހުރިހާ ކާމިޔާބީއެއް ހޯދާފައިވަނީ ބާސެލޯނާގައި ހުރެ." ރޮނާލްޑޯ ބުންޏެވެ.
"މީގެއިތުރުން، ޗެމްޕިއަންސް ލީގުގައި ވިދިވިދިގެން ހަ ސީޒަނުގައި އެންމެގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު އަހަރެން ހޯދާފައިވުމަކީ ވެސް އެހެން ކުޅުންތެރިންނަށް ވުރެ ތަފާތުކަން ދައްކައިދޭ ކަމެއް." ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ވަނީ ރެއާލްގައި އޭނާ އަށް އިރުޝާދުދިން ކޯޗު ޒައިނުއްދީން ޒިދާނަށްވެސް ތައުރީފްކޮށްފައެވެ. ރޮނާލްޑޯ ބުނީ ޒިދާންގެ ސަބަބުން އޭނާގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުވިކަމަށާއި، އަބަދުވެސް ޒިދާންގެ ފުރިހަމަ އިތުބާރު ލިބުނުކަމަށެވެ.
"ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލްގައި ހޭދަކުރި ދުވަސްވަރު އޭނާގެ ކިބައިން ވަރަށް ގިނަ ކަންތައްތައް ދަސްވި. އަބަދުވެސް އޭނާ ވަރަށް ހިތްވަރުދޭނެ. އޭނާގެ ފުރިހަމަ އިތުބާރު އަހަރެންނަށް އޮވޭ. އަހަރެންނަކީ ޒިދާންގެ ވަރަށް ބޮޑު ސަޕޯޓަރެއް. އޭނާ އަކީ ވަރަށް ހާއްސަ ކޯޗެއް." ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އިތުރަށްބުނިގޮތުގައި އޭނާ ކްލަބު ބަދަލުކުރަނީ ފައިސާގެ ދަހިވެތިކަމުގައި ނޫން ކަމަށާއި އެއީ ދިރިއުޅުމުގައި ތަފާތު ލަނޑުދަނޑިތައް ހާސިލްކުރުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ. އޭނާގެ އެންމެ މުހިއްމު އަމާޒަކީ ގިނަ މުބާރާތްތައް ކާމިޔާބުކުރުން ކަމަށާއި، އިންޑިވިޖުއަލް އެވޯޑްތައް ހޯދުމަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭކަމަށެވެ.
"އަހަރެން ކްލަބު ބަދަލުކުރަނީ ފައިސާ ހޯދާކަށް ނޫން، އެއީ ދިރިއުޅުމުގައި ތަފާތު ލަނޑުދަނޑިތައް ހާސިލްކުރުމަށް. އެންމެ ބޮޑު އަމާޒަކީ ޓީމާއެކު މުބާރާތްތައް ކާމިޔާބުކުރުން. ދެން އެއަށްފަހު އިސްކަންދެނީ އިންޑިވިޖުއަލް އެވޯޑްތަކަށް." ރޮނާލްޑޯ ބުންޏެވެ.