ޕާކިސްތާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ އަދާނުކޮށް ހަމައެކަނި އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އަދާކުރުމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބައެއްފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. 

މިއަދު އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރަމުން އަންނައިރު ރައީސް ނަޝީދު ވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ތަހުނިޔާ ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. 

އެހެންނަމަވެސް އިއްޔަ ފާހަގަކުރި ޕާކިސްޓާނުގެ މިނިވަން ދުވަހާއި ގުޅިގެން ރައީސް ނަޝީދު ޓްވީޓެއް ކުރައްވާފައެއް ނުވެއެވެ.

މިކަމުގައި ރައީސް ނަޝީދަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އެފަރާތްތަކުން ބުނަނީ މިކަމުން ދޭހަވަނީ އިންޑިއާ ޕާކިސްތާނު މައްސަލައިގައި ރައީސް ނަޝީދު އިންޑިއާއަށް ތާއީދުކުރައްވާކަމެވެ. 

އިންޑިއާ އާއި ޕާކިސްތާނާއި ދެޤައުމުގެ ގުޅުން އިތުރަށް ގޯސްވެފައިވަނީ ނުހަނު ފަހުން އިންޑިއާއިން ކަޝްމީރުގެ މައްސަލައިގައި އަމަލުކޮށްފައިވާ ގޮތުންނެވެ. އެގޮތުން އިންޑިއާ އިން އެޤައުމުގެ ޤާނޫނުއަސާސީން ކަޝްމީރަށް ހާއްސަކޮށް އިމްތިޔާޒްލިބޭ މާއްދާ 370 ވަނީ އުވާލާފައެވެ. އަދި ކަޝްމީރުގެ އިންޑިއާއަށް ވީ ފަޅި ދެބަޔަކަށް ބެހުމަށްފަހު ކަޝްމީރުގައި ކުއްލި ހާލަތު އިއުލާނުކޮށް ސިޔާސީ ވެރިންވަނީ ބަންދުކޮށްފައެވެ.

މިކަންކަމާއި ގުޅިގެން ބައެއްފަރާތްތަކުން އަންނަނީ، އިންޑިއާއިން މިހާރު ކަޝްމީރާއި ދެކޮޅަށް ހިންގަމުން އަންނަ ކަންކަމުގައި ކަޝްމީރު ރައްޔިތުންނާއި އެކު ތިބިކަން ހާމަކުރުމަށް ސަރުކާރުގެ އެކި ފަރާތްތަކަށް ގޮވާލަމުންނެވެ. އެހެންނަަމެވެސް އިންޑިއާ ކަޝްމީރު މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ ނިންމުމަށް ތާއީދުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.