ޔުއެފާ ސުޕަ ކަޕް ފައިނަލްގައި ވާދަވެރި ޗެލްސީ ބަލިކުރުމަށްފަހު ލިވަޕޫލުން އެމުބާރާތުގެ ތަށި އުފުލާލައިފިއެވެ. މި މެޗުގެ އިތުރުވަގުތު ކުޅެ ނިމުނުއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލް ކާމިޔާބުކުރީ 5-4 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލުން ވަނީ މި ފަހަރުގެ މުބާރާތާއެކު ޔުއެފާ ސުޕަ ކަޕް މިހާތަނަށް ހަތަރު ފަހަރު ކާމިޔާބުކޮށް، ރެއާލް މެޑްރިޑާ އެއްވަރުކޮށްފައެވެ. މި މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ހޯދާފައިވާ ބާސެލޯނާ އަދި އޭސީ މިލާން ވަނީ ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

ޗެލްސީން ރޭގެ މެޗަށް ނުކުތީ ލީގުގައި އެންމެފަހުން މެންޗެސްޓާ ޔުނައިޓެޑް އަތުން 4-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ރޭގެ މެޗުގައި އެންގޯލޯ ކާންޓޭ އާއި ކްރިސްޓިއަން ޕުލިސިޗް އަދި އޮލިވިއޭ ޖިރޫ އަށް ފުރުސަތު ދީފައެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތްއިރު ކޯޗު ޔާގެން ކްލޮޕަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލީގުގައި ނޯވިޗް ސިޓީ އަތުން 4-1 އިން މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު އެލިސަން ބެކާ އަށް ނުކުޅެވުމެވެ. އެލިސަންގެ ބަދަލުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ ދާދިފަހުން ފްރީ ޓްރާންސްފާގައި ގުޅުނު ވެސްޓްހޭމް ޔުނައިޓެޑްގެ ކުރީގެ ކީޕަރު އެޑްރިއަންއެވެ. މީގެއިތުރުން، ރޭގެ މެޗުގައި އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ކުޅުންތެރިންކަމަށްވާ ރޮބާޓޯ ފިރްމީނޯ އާއި ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ފެށީ ބެންޗުންނެވެ.

ތުރުކީގެ އިސްތަންބޫލްގައި ކުޅުނު މިމެޗު ފެށިގެން ހީކުރިގޮތާއި ހިލާފަށް ޗެލްސީން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި ހާފުގައި ލިވަޕޫލަށް ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއްލިބި ބޭނުންހިފޭގޮތެއްނުވިއެވެ. އެގޮތުން، މެޗުގެ ކުރީކޮޅު އެ ޓީމުގެ ޖޮއެލް މެޓިޕް ބޮލުން ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގާ މަތަކުރިއިރު، އޭގެފަހުން އެ ޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު އަދި ސަޑިއޯ މާނޭ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީވެސް ކެޕާއެވެ.

ލިވަޕޫލަށް ލިބުނު ފުރުޞަތުތަކުގެ ނަތީޖާއެއްގެގޮތުން، މި މެޗުގައި ކުރިން ލީޑްނެގީ ޗެލްސީ އިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި އެމެރިކާގެ ހުނަރުވެރި ވިންގާ ޕުލިސިޗްގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ޖިރޫއެވެ. ޗެލްސީގެ މިލަނޑުގެ ކުރިން، އެ ޓީމުގެ ވިންގާ ޕެޑްރޯ ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ މިހާފުގައި ކުޅެން ނިކުތް ބްރެޒިލްގެ ފޯވާޑް ފިރްމީނޯ ތަނަވަސްކުރި ފުރުޞަތަކުން މާނޭ އެވެ. އޭގެފަހުން، ލިވަޕޫލަށް މި މެޗު ކާމިޔާބުކޮށްދިނުމަށް އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ އިތުރުން ސަލާހު އާއި ވާޖިލް ވެން ޑައިކް އަދި ފިރްމީނޯ ފޮނުވާލި ހަމަލާތައް ކެޕާ ވަނީ ހުއްޓުވާފައެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ކުޅެވުނު އިތުރުވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި މާނޭ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލިވަޕޫލަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. ނަމަވެސް، މި ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ އެއްވަރުކޮށްދީފައެވެ. މިއީ ޗެލްސީގެ ޓެމީ އެބްރަހަމް އަށް ލިވަޕޫލްގެ ކީޕަރު އެޑްރިއަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފުރިހަމަވަގުތުވެ، އިތުރުވަގުތުގެ ދެ ހާފުގެ ކުޅުނު ނިމުނުއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޝޫޓްއައުޓްގައި ފުރަތަމަ ޖެހި ނުވަ ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެގޮތުން، ލިވަޕޫލުން ޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ، ފިރްމީނޯ، ފަބީނިއޯ، ޑިވޮކް އޮރީގީ އަދި އެލެގްޒެންޑާ-އާނޯލްޑްގެ އިތުރުން ސަލާހު އެވެ.

ޗެލްސީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން، ފުރަތަމަ ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއިރު ޓެމީ އެބްރަހަމް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެޑްރިއަން މަތަކުރިއެވެ. އެ ޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ، ޖޯޖީނިއޯ، ރޮސް ބާކްލޭ، މޭސަން މައުންޓް އަދި އެމާސަން ޕަލްމިއެރީ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.