އިނގިރޭސި ޗެނަލް ކައިރިން ދަތުރުކުރަމުން ދަނިކޮށް ޕްރައިވެޓް ޖެޓެއް ވެއްޓުނު ހާދިސާގައި މަރުވި ކާޑިފް ސިޓީގެ އާޖެންޓީނާ ފޯވާޑް އެމިލިއާނޯ ސަލާގެ އެތެރެހަށީގައި ވަރަށް ބޮޑަށް ކާބަން މޮނޮކްސައިޑް ގޭހުގެ އަސަރު ހުރި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިިދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގައި ހިނގާދިޔަ މި ހިތާމަވެރި ހާދިސާގައި ސަލާ އާއި އޭނާގެ ޕައިލެޓް ޑޭވިޑް އައިބޮޓްސަން ދަތުރުކުރަމުންދިޔަ ޖެޓް ޖެއްލުނީ ޗެނަލް އައިލެންޑްގެ ގޯންސީގެ ލައިޓް ހައުސް ސަރަހައްދުންނެވެ. ނަމަވެސް، ތިން ދުވަސް ވަންދެން ގޯންސީ ޕޮލިހާއި ފްރާންސް އަދި އިނގިރޭސި ސިފައިން، ސަލާ އާއި އައިބޮޓްސަން ހޯދުމަށް ކުރި މަސައްކަތް ހުއްޓާލީ އެ ދެ މީހުން ސަލާމަތުން ފެންނާނެކަމުގެ އުއްމީދެއް ނެތްކަމަށް ބުނެފައެވެ.

އެކަމަކު، ސަލާ ހޯދުމުގެ މަސައްކަތް އަލުން ފެއްޓީ، އޭނާގެ އާއިލާ އިސްވެ އަމިއްލަ ކުންފުންޏަކާ ގުޅިގެންނެވެ. އެ ކުންފުނީގެ ތަޖުރިބާކާރުންގެ އެހީގައި ކުރި މަސައްކަތުން ކަނޑުއަޑިން ބޯޓު ފެނުނީ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. ޖެހިގެން އައި ދުވަހު މޫސުން ތަން ނުދިން ނަމަވެސް ބުރަ މަސައްކަތްތަކެއްކޮށް އެ ބޯޓުން ހަށިގަނޑެއް ހޯދިއެވެ. ހަށިގަނޑު ނެގުމަށް ފަހު ހެދި ޓެސްޓްތަކަށް ފަހު އެއީ ސަލާގެ ހަށިގަނޑުކަން ޔަގީންކޮށްދީފައިވެއެވެ.

ދާދިފަހުން، އިނގިރޭސިވިލާތުގެ ދަ އެއާ އެކްސިޑެންޓްސް އިންވެސްޓިގޭޝަން ބްރާންޗް (އޭއޭއައިބީ) އިން ހާމަކޮށްފައިވާގޮތުގައި ސަލާގެ ޓޮކްސިކޮލޮޖީ ރިޕޯޓުގެ ނަތީޖާއަށް ބަލާއިރު، އޭނާގެ ލޭގައި ވަރަށް މަތީ ލެވެލްއަކަށް ކާބަން މޮނޮކްސައިޑް ހިމެނޭކަމަށްވެއެވެ.

މިހާތަނަށް އައިއިރު، ބޯޓު ދުއްވަން ޕައިލެޓް އައިބޮޓްސަންގެ ހަށިގަނޑު ފެނިފައިނުވާއިރު، ސަލާ އެކޭ އެއްގޮތަށް އޭނާ އަށް ވެސް ކާބަން މޮނޮކްސައިޑްގެ އަސަރުކޮށްފައިވާނެކަމަށް ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ. 

ކާޑިފުން އުމުރުން 28 އަހަރުގެ ސަލާ ގެނައީ 2018/2019 ވަނަ އަހަރުގެ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 19 މިލިއަން ޑޮލަރަށެވެ. ނަމަވެސް، އެ ޓީމުގެ އަމާޒަށް ވާސިލްނުވެވި އިނގިރޭސި ޗެމްޕިއަންޝިޕަށް ވަނީ ރެލިގޭޓްވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.