ޒުވާން ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާކަމަށް ޕްރިމިއާ ލީގުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ގަބޫލުކުރުމުން ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެ، ޖޫރިމަނާއަކުން ފުއްދާލައިފިއެވެ.

18 އަހަރުން ދަށުގެ ކުޅުންތެރިން ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރުމުން ފީފާއިން ވަނީ އަދަބެއްގެ ގޮތުން 379،000 ޑޮލަރުން (315،000 ޕައުންޑް) ސިޓީ ޖޫރިމަނާކޮށްފިއެވެ.

ފީފާ އިިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޓީ ހަމައެކަނި ޖޫރިމަނާކުރަން ނިންމީ އެ ޓީމުން ކުރެވުނު ކުށަށް އިއުތިރާފުވެ ކަންތައްތައް ރަނގަޅުކުރަން އި އިދާރާގެ ލަފާ ހޯދުމާ ގުޅިގެންނެވެ.

ކްލަބްތަކުން 18 އަހަރުން ދަށުގެ ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީކުރުމުގެ ކުށުގައި މީގެ ކުރިން ފީފާއިން ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް އަދި ރެއާލް މެޑްރިޑްގެ އިތުރުން ދާދިފަހުން ޗެލްސީ އަށް ވެސް ވަނީ އަދަބުދީފައެވެ.

ޗެލްސީ އަށް އަދަބެއްގެ ގޮތުން ކުރިއަށް އޮތް ދެ ޓްރާންސްފާ ވިންޑޯގައިވެސް ކުޅުންތެރިން ނުގެނެވޭގޮތަށް ފީފާ އިން އަދަބުދިނީ ގަވައިދާ ހިލާފަށް 29 ޒުވާން ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި އޮޅުވާލުމަށް ފަހު އެކަން ކުރި ކަމަށް އެއްބަސްވުމަށް ވެސް އިންކާރު ކުރުމުންނެވެ.

މީގެއިތުރުން، ޓްރާންސްފާ ބާޒާރުގައި ސިޓީން ގަވާއިދާ ހިލާފަށް ޓީމަށް ހަރަދުކޮށްފައިވާކަމަށްް ބުނެ، ޖަރުމަނުގެ މީޑިއާއަކުން ލީކުކޮށްލި ސިއްރު ލިޔެކިޔުންތަކާ ގުޅިގެން ޔުއެފާ އިން ވެސް އަންނަނީ އެ ކްލަބުގެ މައްސަލައެއް ބަލަމުންނެވެ. އެގޮތުން، ކްލަބުގެ ދަރަނިތައް ފޮރުވުމަށާއި ތަފާތު ސްޕޮންސަރުންތަކެއް މެދުވެރިކޮށް އުސޫލުން ބޭރުން ފައިސާ ހޯދައި، އެ ފައިސާ ކުޅުންތެރިން ގަންނަން ސިޓީން ހަރަދުކުރާކަމަށް ލީކުވި ލިޔެކިޔުންތަކުން އެނގެއެވެ. މި މައްސަލައިގައި ސިޓީ ޗެމްޕިއަންސް ލީގުން  އެއް އަހަރުގެ މުއްދަތަކަށް ސަސްޕެންޑް ކުރަން ޔުއެފާގެ ތަހުގީގު ޕެނަލުން ލަފާދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެކުރީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވެގެން ޔުއެފާ އިން ވަނީ 2014 ވަނަ އަހަރު ވެސް ސިޓީ އަށް އަދަބުދީފައެވެ. އެ ފަހަރު ސިޓީ 67.3 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ކުޅުންތެރިންގެ މުސާރަ އާއި ކުޅުންތެރިން ގަންނަން ހަރަދުކުރުމުގައި މަކަރުހަދާފައިވާތީއެވެ. އޭގެއިތުރުން، އަދަބެއްގެ ގޮތުން އެ ފަހަރު ސިޓީން ޗެމްޕިއަންސް ލީގުގައި ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭ އަދަދު ވެސް މަދުކުރި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.