ނެދަލެންޑްސް ގައުމީ ޓީމާއި އިންޓަ މިލާނުގެ ކުރީގެ އިތުބާރު މިޑްފީލްޑަރު ވެސްލީ ސްނެއިޑާ 17 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 35 އަހަރުގެ ސްނެއިޑާ، އިންޓަގެ އިތުރުން ރެއާލް މެޑްރިޑާއި ގަލަތަސާރޭ އަދި ނީސް އަށް ކުޅެފައިވާއިރު، އޭނާ އެންމެފަހުން ފެނިގެންދިޔައީ ގަތަރުގެ ކްލަބު އަލް-ގަރާފާ އިންނެވެ. 

އަޔެކްސް އެމްސްޓެޑަމްގެ އެކި އުމުރުފުރާގެ ޓީމުތަކުގައި ސްނެއިޑާ ވިދާލުމަށްފަހު 2003 ވަނަ އަހަރު ސީނިއާ ޓީމުން ޖާގަ ހޯދީ އުމުރުން 18 އަހަރުގައެވެ. އަޔެކްސް އަށް އޭނާ ކުޅެދިން 180 މެޗުގައި 58 ގޯލް ކާމިޔާބުކޮށް އިތުރު 45 ލަނޑުޖެހުމަށް އެހީތެރިވެދީފައިވާއިރު، އެ ޓީމާއެކު ޑޮމެސްޓިކް ފަސް މުބާރާތެއް ކާމިޔާބުކޮށްފައެވެ.

އަޔެކްސްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރެއާލުން ޝައުގުވެރިވުމުން، 2007 ވަނަ އަހަރު އެ ޓީމަށް ބަދަލުވިނަމަވެސް އަނިޔާ އާއި ތަފާތު އެކި ސަބަބުތަކާހުރެ ސްނެއިޑާ އަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. އެ ޓީމާއެކު ސްޕެނިޝް ލަލީގާ އަދި ސްޕެނިޝް ސުޕަކަޕް އުފުލާލައިފައިވާއިރު، އޭގެ ދެ އަހަރުފަހުން އޭނާ ވަނީ އިންޓަ އަށް ބަދަލުވެފައެވެ.

އިންޓަ އަށް ބަދަލުވުމާއެކު، ސްނެއިޑާގެ ފަރާތުން ކުރިން ފެނިގެންދިޔަ މޮޅު ކުޅުން އަލުން ތަކުރާރުވެފައިވާއިރު، އޭނާ ވަނީ 2009/2010 ވަނަ އަހަރުގެ ސީޒަނުގައި އެ ޓީމަށް އީޓަލީގެ ލީގާއެކު ޑޮމެސްޓިކް ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިނުމުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އެކަމަކު އެ ފަހަރު ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރާ ގަދަ ތިނެއްގައި ސްނެއިޑާ ނެތުމުން ގިނަ ބައެއް ވަނީ ފީފާ އަށް ފާޑުކިޔާފައެވެ.

ސްނެއިޑާގެ ކްލަބު ކެރިއަރުގައި ދެއްކި ފަދަ މޮޅު ކުޅުމެއް ނެދަލެންޑްސްގެ ގައުމީ ޓީމާއެކުވެސް ފެނިގެންގޮސްފައިވާއިރު، 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ފައިނަލަށް އެ ޓީމު ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ. 

މީގެއިތުރުން، ނެދަލެންޑްސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް އޮންނަނީ ވެސް 134 މެޗާއެކު ސްނެއިޑާ އަތުގައެވެ. އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މިދިޔަ މާރިޗް މަހުގައެވެ.

ސްނެއިޑާގެ އިތުރުން ފަހުގެ ތާރީޚެއްގައި ނެދަލެންޑްސްގައި އުފެދުނު މޮޅު ކުޅުންތެރިން ކަމަށްވާ އާރެން ރޮބެން އާއި ރޮބިން ވެން ޕާސީ ވެސް ވަނީ ދާދިފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.