ދުވާލަކު 50 ގްރާމަށްވުރެ ގިނައިން ދިގު މިރުސް ކެއުމަކީ ޑިމެންޝިއާ ޖެހުމުގެ ނުރައްކާ ބޮޑުކޮށްދޭ ކަމެއް ކަމަށް، 15 އަހަރުގެ މުއްދަތަށް ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފި އެވެ.

ޗައިނާގެ އުމުރުން 55 އަހަރުން މަތީގެ 4،582 މީހުން ބައިވެރިވި މި ދިރާސާއިން ވަނީ 50 ގްރާމަށްވުރެ ގިނައިން ކޮންމެ ދުވަހަކު މިރުސް ކެއުމުން ކޮގްނިޝަން ދަށްވާ ކަމަށް ދައްކައިފަ އެވެ. "ނިއުޓްރިއެންޓްސް" ޖާނަލްގައި ޝާއިރުކުރި މި ދިރާސާއިން ދައްކާ ގޮތުގައި މިރުސް ކެއުމުގެ ސަބަބުން ހަނދާން ބަލިވާ މިންވަރު މައްޗަށްދިއުން ހިކި މީހުންގެ މެދުގައި މާބޮޑު ކަމަށެވެ.

ޤަތަރު ޔުނިވާސިޓީގެ ޒޫމިން ޝީ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ މި ދިރާސާއިން ދެއްކި ގޮތުގައި ދުވާލެއްގެ މައްޗަށް 50 ގްރާމަށްވުރެ ގިނައިން މިރުސް ކެއުމަކީ ހަނދާން ބަލިވުމާއި ކޮގްނިޝަން ދަށްވުމުގެ ނުރައްކާ ދެގުނަ އިތުރުކޮށްދޭ ކަމެއް ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން ކުރި ދިރާސާތަކުން ދެއްކި ގޮތުގައި މިރުސް ކެއުމަކީ ހަށިގަނޑުގެ ބަރުދަނަށާއި ބްލަޑް ޕްރެޝަށް ފައިދާހުރި ކަމެއް ކަމަށް. ނަމަވެސް މިރުސް ކެއުމުގެ ސަބަބުން ބޮޑެތި މީހުންގެ ކޮގްނިޝަން އަށް ބޮޑެތި އަސަރުތައް ކުރާކަމަށް މި ދިރާސާއިން ވަނީ ހޯދިފައި"، ޒޫމިން ވިދާޅުވި އެވެ.

ދިރާސާވެރިން ވިދާޅުވީ މިރުސް ކެއުމުގައި ހިމަނާފައި ވަނީ ތާޒާ އަދި ހިއްކާފައިހުރި ދިގު މިރުސް ކަމަށާއި، އޭގެ ތެރޭގައި ފޮނި ކެޕްސިކަމް އާއި އަސޭމިރުސް ހިމަނާފައިނުވާ ކަމަށެވެ.

މިރުހަކީ ދުނިޔޭގައި އެންމެ އާންމުކޮށް ބޭނުންކޮށްއުޅޭ ހަވާދުގެ ބާވަތެވެ. އެގޮތުން ސިޗުއާން އާއި ހުނާންފަދަ ޗައިނާގެ ބައެއް ސަރަޙައްދުތަކުގައި ކޮންމެ އެއް މީހަކުން އެކަކު، ކޮންމެ ދުވާހަކު ކުޅި އެއްޗެހި ކައި އުޅޭ ކަމަށް ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާގެ މިންގް ލީ ވިދާޅުވި އެވެ.

މިރުހުގައި ހިމެނޭ ކެޕްސައިސިން އަކީ މެޓަބޮލިޒަމް އާއި ސަރުބީ ގެއްލޭ މިންވަރު އަވަސްކޮށްދިނުމުގެ އިތުރުން، ލޭހޮޅީގެ މައްސަލަތައް ހުއްޓުވައިދޭ މާއްދާއެކެވެ. އެހެންނަމަވެސް މިއީ މިރުސް ކެއުމާއި ކޮގްނިޝަން އާއި ދެމެދުވާ ގުޅުން ތަހުލީލްކުރުމަށް ފުރަތަމަ ކުރެވުނު ދިރާސާއެވެ.

ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވަރަށް ގިނައިން މިރުސް ކައިފައި ވަނީ ކުޑަ އާމްދަނީއެއް ލިބި، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ކުޑަ އަދި ޖިސްމާނީގޮތުން މިރުސް ނުކާ މީހުންނާއި އަޅާބަލާއިރު ބޮޑަށް ހަރަކާތްތެރި މީހުންނެވެ.

ދިރާސާވެރިން ބުނާ ގޮތުގައި އޯވާވެއިޓް މީހުންނާއި އަޅާބަލާއިރު، އާދައިގެ ބަރުދަނުގެ މީހުން މިރުހަށް ސެންސިޓިވްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.