އެތުލެޓިކް ބިލްބާއޯގެ އުއްމީދީ ފޯވާޑް އިނާކީ ވިލިއަމްސް އެ ކްލަބުގައި އިތުރު ނުވަ އަހަރު މަޑުކުރުމަށް ކޮންޓްރެކްޓް އާކޮށްފި އެވެ.
ބިލްބާއޯ އާއެކު ވިލިއަމްސް ހަދާފައިވާ އެއްބަސްވުމުގެ ދަށުން 125 މިލިއަން ޕައުންޑްގެ ރިލީޒް ކްލޯޒެއް ހިމަނާފައިވާއިރު، އޭނާގެ އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.
މިއީ ފަހަކަށް އައިސް މަޝްހޫރު ކުޅުންތެރިއަކު އެންމެ ދިގު މުއްދަތަކަށް ކޮންޓްރެކްޓް އާކުރި ދެވަނަ ފަހަރެވެ. މީގެކުރިން، 2017 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ ގައުމީ ޓީމުގެ އިތުބާރު މިޑްފީލްޑަރު ސައުލް ނިގުއޭޒް ވަނީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު ނުވަ އަހަރަށް އާކޮށްފައެވެ.
މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ކޮންޓްރެކްޓް އާކޮށްފައިވަނީ ބްރެޒިލްގެ ވިންގާ ޑެނިލްސަން އެވެ. އޭނާ ވަނީ 1998 ވަނަ އަހަރުގައި ރެއާލް ބެޓިސްއާއެކު ހަދާފައިވާ އެއްބަސްވުން 10 އަހަރަށް އާކޮށްފައެވެ.
އުމުރުން 25 އަހަރުގެ ވިލިއަމްސް ވަނީ މިހާތަނަށް ބިލްބާއޯގެ ސީނިއާ ޓީމަށް ކުޅެދިން 204 މެޗުގައި 49 ލަނޑުޖަހައި، އިތުރު 27 ގޯލްޖެހުމަށް އެހީތެރިވެދީފައިވެއެވެ. ސްޕެއިންގެ އެކި އުމުރު ފުރާތަކުގައި ގައުމު ތަމްސީލްކޮށްދީފައިވާ ވިލިއަމްސް ވަނީ ސީނިއާ ޓީމަށް މިހާތަނަށް އެއް މެޗު ކުޅެދީފައެވެ.
ދާދިފަހުން، އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ އިންޓަ މިލާނަށް ބަދަލުވި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ނެތްތަން ފޫބެއްދުމަށް ޓްރާންސްފާ ބާޒާރު ބަންދުވި ދުވަހު ބިލްބާއޯ އާއެކު ވިލިއަމްސް ގެންދިއުމަށް އެ ކްލަބުން މަޝްވަރާކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ފަހަރުގެ ސްޕެނިޝް ލަލީގާގައި ބިލްބާއޯ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި މި އޯގަސްޓް މަހުގެ 16 ވާ ހުކުރު ދުވަހުގެރޭ ނިކުންނާނީ އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެކޮޅަށެވެ.