އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން 4-0 ގެ ބޮޑު ތަފާތަކުން ޗެލްސީ ބަލިކޮށްފިއެވެ.

މިއީ 1965 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ޗެލްސީ އަތުން ޔުނައިޓެޑް ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ.

މި މެޗަށް ނިކުތްއިރު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމުން ރެކޯޑް އަގެއްގައި ގެނައި ހެރީ މެގުއާގެ އިތުރުން އާރޮން ވަން-ބިސާކާ އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ. އެކަމަކު، ޗެލްސީ އިން މި މެޗަށް ނިކުތްއިރު އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ޖަރުމަންގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އާއި ބްރެޒިލްގެ އިތުބާރު ވިންގާ ވިލިއަން އަނިޔާގެ ސަބަބުން ނުކުޅޭއިރު، އާ ސީޒަނަށް އެ ޓީމުން ގެނައި އެމެރިކާގެ ހުނަރުވެރި ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިޗަށް މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެއްނުވެއެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑްނެގުމާއި ގާތަށް ޖެހިލާފައެވެ. އެގޮތުން، އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓެއޯ ކޮވެސިޗް ދިން ޕާހަކުން ޓެމީ އެބްރަހަމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

ޔުނައިޓެޑަށް މި މެޗުގެ 18 ވަނަ މިނެޓުގައި ލީޑްނަގައިދިނީ ލިބުނު ޕެނަލްޓީއަކުން އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑެވެ. މިއީ ރަޝްފޯޑަށް ޗެލްސީގެ ކާޓް ޒޫމާ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

އޭގެފަހުން، ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ޕެޑްރޯ އާއި ރޮސް ބާކްލޭ އަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައިވާއިރު، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ވަރަށް ހަނި އޭންގަލަކުން އެ ޓީމުގެ ފުލްބެކް އެމާސަން ޕަލްމިއެރީ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީދަނޑިއަށެވެ.

ދެވަނަ ހާފުގައިވެސް ޗެލްސީ އަށް ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، ޔުނައިޓެޑްގެ ދެވަނަ ލަނޑު، މެޗުގެ 65 ވަނަ މިނެޓުގައި އަންދްރެއަސް ޕެރޭރާ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލް އެވެ. މިލަނޑަށްފަހު ޗެލްސީ އަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް، އޭގެ ދެ މިނެޓުފަހުން، ފްރާންސްގެ އިތުބާރު މިޑްފީލްޑަރު ޕައުލް ޕޮގްބާ ދިން ރީތި ޕާހަކުން ރަޝްފޯޑް ވަނީ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

ޔުނައިޓެޑްގެ ފަހު ލަނޑު، މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް އެ ޓީމުން ތަނަވަސްކުރި އަވަސް އެޓޭކަކުން ޕޮގްބާ ދިން ޕާހަކުން ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ވިންގާ ޑެނިއަލް ޖޭމްސް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އާސެނަލް ވަނީ ރަށުން ބޭރުގައި 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ ގެބޯންގެ ފޯވާޑް ޕިއޭ-އެމެރިކް އޯބަމަޔަން އެވެ. ލެސްޓާ ސިޓީއާ ދެކޮޅަށް ވުލްވަހެމްޕްޓަން ވޮންޑަރާސް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.