ދުނިޔޭގެ ކޮންމެ ހަތަރު މީހަކުން އެކަކުގެ ހަށިގަނޑުގައި ޓިއުބާކިއުލޮސިސް (ޓީބީ) ބެކްޓީރިއަމް ހުންނާނެ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާ ޝާއިރުކޮށްފައި ވަނީ ޔޫރަޕިއަން ރެސްޕިރޭޓަރީ ޖާނަލްގައެވެ. މީގެ ކުރިން ލަފާކޮށްފައިވާ ގޮތުގައި ދުނިޔޭގެ އާބާދީގެ 1/3 އާއި 1/4 އާއި ދެމެދުގެ މީހުންގެ ގައިގައި ލޭޓެންޓް (ފޮރުވިފައިވާ) ޓިއުބާކިއުލޮސިސް ހުންނާނެ ކަމަށެވެ. ނަމަވެސް 351،811 މީހުންގެ ޓެސްޓްތަކަށް ބިނާކޮށް، ކޮށްފައިވާ އާ ދިރާސާއިން ބުނާ ގޮތުގައި އެ އަދަދު ވަނީ 1/5 އާއި 1/4 އާއި ދެމެދަށް އިތުރުވެފައި ކަމަށެވެ.

ޓީބީ އަކީ މައިކޮބެކްޓީރިއަމް ޓިއުބާކިއުލޮސިސް ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ބައްޔެކެވެ. އަދި އަހަރަކު 10 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭއިރު، އަހަރެއްގެ މައްޗަށް މި ބަލީގައި ގާތްގަނޑަކަށް 2 މިލިއަނެއްހާ މީހުން މަރުވެއެވެ. އެހެންކަމުން މިއީ އިންފެކްޝަނަކުން ޖެހޭ އެންމެ ނުރައްކާތެރި ބައްޔެވެ. މީގެ އިތުރުން ޓީބީ އެކްޓިވް ނުވިނަމަވެސް، ގިނަ ބަޔަކަށް ޓީބީ ބެކްޓީރިއާގެ އިންފެކްޝަން ޖެހިފައިވެއެވެ. އެއީ ލޭޓެންޓް ޓިއުބާކިއުލޮސިސް އެވެ.

ތިރީސް ހަ ޤައުމަކުން  88 ސައިންސް ދިރާސާ ރިވިއުކޮށްފައިވާއިރު، ދިރާސާވެރިން ލަފާކުރާ ގޮތުގައި މިހާތަނަށް ތަހުލީލްތައް ހިންގާފައިނުވާ ޤައުމުތަކުގައިވެސް މި މައްސަލަ އުޅުމަކީ އެކަށީގެންވާ ކަމެކެވެ.

ދިރާސާއިން ލަފާކުރާ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އަމާޒެއް ކަމުގައިވާ 2035 ވަނަ އަހަރާއި ހަމައަށް ދުނިޔެއިން ޓިއުބާކިއުލޮސިސް ބަލި ނައްތާލުމުގެ ލަނޑުދަނޑި ހާސިލްކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

އެއްވެސް ހާލެއްގައި ލޭޓެންޓް ޓީބީ ޖެހިފައިވާ މީހުންނަށް ފަރުވާ ދީގެން މެނުވީ އެ ލަނޑުދަނޑި ހާސިލެއް ނުކުރެވޭނެ އެވެ. އެއީ ޓީބީ ބެކްޓީރިއާއިން އިންފެކްޓްވެފައިވާ މީހުންނަށް ފަހުން އެކްޓިވް ޓީބީ ބަލި ޖެހުމުގެ ނުރައްކާ ބޮޑުކަމުގައި ވާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.