މައިމީހާގެ ކިރަކީ ކުޑަދަރިފުޅުގެ ހެދިބޮޑުވުމަށް ވަރަށް މުހިންމު އެއްޗެކެވެ. އޭގެ ސަބަބުން ދަރިފުޅަށް ގިނަ ފައިދާތަކެއް ލިބޭކަން އެންމެންވެސް ދަންނައިރު، ގާތުން ކިރުދިނުމުގެ ސަބަބުން މައިމީހާއަށްވެސް ގިނަ ފައިދާތަކެއް ލިބެއެވެ. ތިރީގައި މިވަނީ ގާތުން ކިރުދިނުމުގެ ސަބަބުން މައިމީހާއަށް ލިބޭ ބައެއް ފައިދާތަކެވެ.
1. މަންމައާއި ދަރިފުޅުގެ ދެމެދުގައި ގުޅުން ބިނާކޮށްދޭ
މައިމީހާ އާއި ކުޑަދަރިފުޅުގެ ދެމެދުގައި އޮންނަ ޖިސްމާނީ އަދި ނަފްސާނީ ގުޅުން ގާތުން ކިރުދިނުމުގެ ސަބަބުން އިތުރަށް ބަދަހިވެގެންދެއެވެ. ފުރަތަމަ އަހަރުތަކުގައި ދަރިފުޅާއި މަންމައާމެދު ރަނގަޅު ގުޅުމެއް އުފެދުމަކީ، ފަހުން އިޖްތިމާޢީ އަދި އަޚްލާޤީ މައްސަލަތައް ކުރިމަތިވާ މިންވަރު މަދުކޮށްދޭ ކަމެކެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން ޕޯސްޓްޕާޓަމް ޑިޕްރެޝަން ޖެހުމުގެ ނުރައްކާވެސް ކުޑަވެއެވެ.
2. ކުޑަދަރިފުޅުގެ ބޭނުންތައް ދެނެގަންނަން އެހީވޭ
ގާތުން ކިރުދޭ މައިންނަށް ދަރިފުޅުގެ އަޚްލާޤާއި އުޅޭގޮތް ރަނގަޅަށް އެނގޭނެއެވެ. އަދި ކުޑަކުދިންވެސް އެކުދިންނަށް އަޅާލާ މީހުންނަށް އިތުބާރުކުރަން ދަސްކުރެއެވެ. މިއީ އުމުރުގެ ފުރަތަމަ އަހަރުތަކުގައި ދަރިފުޅުގެ އަޚްލާޤް ބައްޓަންކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ކަމެކެވެ.
3. މައިމީހާގެ ސްޓްރެސް ކުޑަކޮށްދޭ
ގާތުން ކިރުދިނުމަކީ ހޯމޯން އޮކްސިޓޯސިން އާއި ޕްރޯލެކްޓިން އުފައްދައިދީ، ސްޓްރެސް މަދުކޮށްދިނުމުގެ އިތުރުން ރަނގަޅު އިހުސާސްތައް އާލާކުރުވާ ކަމެކެވެ. މީގެ އިތުރުން އެހެން ކުދިންނާއި އަޅާބަލާއިރު، ގާތުންކިރުބޯ ކުޑަކުދިން ރޯނީވެސް މަދުންނެވެ. އަދި އެކުދިންނަށް ކުޑައިރު ބަލިތައް ޖެހުމުގެ ފުރުސަތުވެސް ކުޑަވެގެންދެއެވެ.
4. ދަރިފުޅާއެކު ދަތުރުކުރުމަށް ފަސޭހަވޭ
މައިމީހާގެ ކިރަކީ އަބަދުވެސް ތާހިރު، ރަނގަޅު ފިނިހޫނުމިނެއްގައި ހުންނަ އެއްޗަކަށްވުމުން ދަރިފުޅަށް ކިރުދޭން ބޭނުންވާ ހިކިކިރާއި، ފުޅިތައްފަދަ ތަކެތި އަޅައިގެން ގިނަ ދަބަސްތައް ގެންދާކަށް ނުޖެހޭނެ އެވެ.
5. މައިމީހާ އަށް ބަރުދަން ލުއިކުރުމުގައި އެހީވޭ
ގާތުން ކިރުދޭ މައިންނަށް ވިހެއުމަށްފަހު ބަރުދަން ލުއިކުރަން ފަސޭހަވާނެ އެވެ. އެގޮތުން ކިރު އުފައްދައި، ސަޕްލައި ދެމެހެއްޓުމުގައި އެކަނިވެސް ދުވާލެއްގެ މައްޗަށް އިތުރު 500 ކެލޮރީސް ވިރާނެއެވެ.
6. މައިމީހާގެ ރަހިމަށް ރަނގަޅު
ގާތުން ކިރުދިނުމަކީ މައިމީހާގެ ރަހިމު، ވިހެއުމުގެ ކުރިން ހުރި ސައިޒަށް އެނބުރި ދިއުމަށް އެހީވެދޭ ކަމެކެވެ. މީގެ އިތުރުން ގާތުން ކިރުދިނުމަކީ އޮކްސިޓޯސިން އުފެދުމުގެ ސަބަބުން ވިހެއުމަށްފަހު ލޭއައުންވެސް މަދުކޮށްދޭ ކަމެކެވެ.
7. ގިނަ ބަލިތަކުން މައިމީހާ ރައްކާތެރިކޮށްދޭ
ގާތުން ކިރުދޭ މައިންނަށް ތިރީގައި މިވާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑައެވެ.
- ޑައިބެޓީސް މެލިޓަސް ނުވަތަ ޓައިޕް-2 ޑައިބެޓީސް
- އުރަމަތީ ކެންސަރު
- ލޭމައްޗަށް ދިއުން
- މަޔޯކާޑިއަލް އިންފެކްޝަން ނުވަތަ ހާޓް އެޓޭކް
- ހައިޕާލިޕިޑީމިއާ
- ރަހިމުގެ ކެންސަރު
އެހެންކަމުން ކުޑަދަރިފުޅަށް ގާތުން ކިރުދިނުމަކީ ދަރިފުޅުގެ އިތުރުން މައިމީހާއަށްވެސް ރަނގަޅު ކަމެކެވެ.