ދުވާލަކު ތިން ތަށި ނުވަތަ އެއަށްވުރެ ގިނައިން ކޮފީ ބުއިމަކީ މައިގްރެއިންގެ ނުރައްކާ ބޮޑުކޮށްދޭ ކަމެއް ކަމަށް މިދިޔަ ހަފްތާގައި ޝާއިރުކުރި ދިރާސާއަކުން ދައްކައިފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން އެއް ބިލިއަނަށްވުރެ ގިނަ މީހުންނަށް މައިގްރެއިންގެ މައްސަލަތައް ޖެހިފައިވާއިރު، މައިގްރެއިން އަކީ ދުނިޔޭގައި ތިންވަނައަށް އެންމެ އާންމު ބަލި ކަމަށް އެމެރިކާގެ ބެތު އިސްރާއީލް ޑީކަނެސް މެޑިކަލް ސެންޓަރ (ބީއައިޑީއެމްސީ)ގެ ދިރާސާވެރިން ބުނެއެވެ.

ގަދައަށް ބޮލުގައިރިއްސުމުގެ އިތުރުން މޭނުބައިކުރުމާއި، މޫޑް ބަދަލުވުމާއި، އަލި އަދި އަޑަށް ސެންސިޓިވްވުމުގެ އިތުރުން ހެލޫސިނޭޝަންތަކަކީވެސް މައިގްރެއިންގެ ބައެއް އަލާމާތްތަކެވެ.

އެމެރިކަން ޖާނަލް އޮފް މެޑިސިންގައި ޝާއިރުކޮށްފައިވާ މި ދިރާސާގައި ވަނީ ކެފެއިން ހުންނަ ބުއިންތަކުން މައިގްރެއިން އަށް މަގުފަހިވޭތޯ ތަހުލީލްކޮށްފަ އެވެ.

ހާވާޑް ޓީ އެޗް ޗެން ސްކޫލް އޮފް ޕަބްލިކް ހެލްތު (އެޗްއެސްޕީއެޗް)ގެ އެލިޒަބެތު މޮސްޓޯސްކައި އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ މި ދިރާސާއިން ދައްކާފައިވާ ގޮތުގައި އެޕިސޯޑިކް މައިގްރެއިން ތަޖުރިބާކުރާ ފަރާތްތަކުގެ މެދުގައި، ކެފެއިންހުރި ބުއިންތަކުގެ އެއް ތަށި ނުވަތަ ދެ ތަށި ބުއިމަކުން އެދުވަހު ބޮލުގައި ރިއްސުމާއި ގުޅުމެއް ނުވާ ކަމަށެވެ.

އެހެންނަމަވެސް ތިން ތަށި ނުވަތަ އެއަށްވުރެ ގިނައިން ކެފެއިން ހުންނަ ބުއިންތައް ބުއިމަކީ، އެ ދުވަހު ނުވަތަ އޭގެ ފަހު ދުވަހު މައިގްރެއިން ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ.

މީގެ އިތުރުން ކެފެއިން ހުރި ބުއިންތައް ވަރަށް މަދުން ނޫނީ ނުބޯ ފަރާތްތަކުގެ މެދުގައި، ކެފެއިންގެ އެއް ނުވަތަ ދެ ސާވިންގް ބުއިމަކީވެސް އެދުވަހު ބޮލުގައި ރިއްސުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެއް ކަމަށްވެސް ދިރާސާވެރިން ބުނެއެވެ.

މޮސްޓޯސްކައި ވިދާޅުވީ ފުރިހަމަ ނިދި ނުލިބުންފަދަ ކަންތައްތަކަކީވެސް މައިގްރެއިންގެ ނުރައްކާ ބޮޑުކޮށްދޭ ކަންކަން ކަމަށްވާއިރު، ކެފެއިން އަކީ އެޓޭކް ޖެހުމަށް މެދުވެރިކޮށްދިނުމުގެ އިތުރުން މައިގްރެއިންގެ އަލާމާތްތައް ކޮންޓްރޯލްވެސް ކޮށްދޭ އެއްޗެއް ކަމަށެވެ.

ކެފެއިންގެ އަސަރު ބިނާވެގެންވަނީ ކެފެއިން ބޯ ޑޯޒް އާއި ފްރިކުއެންސީގެ މައްޗަށެވެ. އެހެންނަމަވެސް ކެފެއިންހުރި ބުއިންތައް ބުއިމުން މައިގްރެއިން ޖެހުމުގެ ނުރައްކާ ބޮޑުކޮށްދޭ ކަމަށް މާގިނަ ދިރާސާތަކަކުން ދައްކާފައި ނުވާތީ، މައިގްރެއިން ހުންނަ މީހުން ކެފެއިން ބޭނުންކުރަންވީ ވަކި މިންވަރެއް ކަނޑައެޅުމަށް ބޭނުންވާ ހެކި ނެތްކަމަށްވެސް ދިރާސާވެރިން ބުނެއެވެ.

މި ދިރާސާގައި ބައިވެރިވި އާންމުކޮށް މައިގްރެއިންގެ މައްސަލަ ޖެހޭ 98 މީހުން ވަނީ، މަދުވެގެން ހަ ހަފްތާ ވަންދެން ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު އިލެކްޓްރޯނިކް ޑައިރީތައް ފުރިހަމަކޮށްފަ އެވެ. ކޮންމެ ދުވަހަކު ބައިވެރިން ވަނީ އެދުވަހަކު ކެފެއިން އަޅާފައިވާ ކޮފީ އާއި ސައި، ސޯޑާ އަދި އެނާޖީ ޑްރިންކް ބުއި މިންވަރު ރެކޯޑްކޮށްފަ އެވެ. އަދި ބޮލުގައި ރިއްސާ މިންވަރާއި، މުއްދަތުގެ އިތުރުން ބޭނުންކުރާ ބޭސްތައް ހިމެނޭގޮތަށްވެސް ބައިވެރިން ވަނީ ދުވާލަކު ދެ ފަހަރު ރިޕޯޓްކޮށްފަ އެވެ. ދިރާސާވެރިން ވަނީ މި މަޢުލޫމާތުތައް ބޭނުންކޮށްގެން ކެފެއިންހުރި ބުއިންތައް ބޭނުންކުރާ ދުވަހު މައިގްރެއިން ޖެހޭ މިންވަރާއި، އެފަދަ ބުއިމެއް ބޭނުންނުކުރާ ދުވަހު މައިގްރެއިން ޖެހޭ މިންވަރު އަޅާބަލާފައެވެ.

ކެފެއިންގެ އެއް ސާވިންގް އަކީ އަށް އައުންސު ނުވަތަ އެއް ޖޯޑު ކޮފީ، ހަ އައުންސު ސައި، 12 އައުންސުގެ ސޯޑާ ދަޅެއް ނުވަތަ ދެ އައުންސު އެނާޖީ ޑްރިންކެއް ކަމަށް މޮސްޓޯސްކައި ވިދާޅުވި އެވެ. އެ ސާވިންގްތަކުގައި 25 މިލިގްރާމާއި 150 މިލިގްރާމާއި ދެމެދުގެ އަދަދަކަށް ކެފެއިން އެކުލެވިގެންވާއިރު، މައިގްރެއިންގެ ނުރައްކާ ބޮޑުވަނީ ކިހާ މިންވަރަކަށް ކެފެއިން ހުރުމުންތޯ ބުނެވޭނެ ގޮތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.