އެތުލެޓިކޯ މެޑްރިޑާއެކު ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތައް ހޯދައިދީފައިވާ ސްޕެއިނުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ލުއިސް އަރަގޯނޭސްގެ ހަނދާނުގައި އެ ކްލަބުގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގެ ބޭރުގައި ސްޓެޗޫއެއް ބެހެއްޓުމަށް ނިންމައިފިއެވެ.

މި ސްޓެޗޫ ބިނާކުރުމަށް ފައިސާ އެއްކޮށްފައިވަނީ އެ ކްލަބުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސަޕޯޓަރުންނާއި، އެހެނިހެން ސަޕޯޓާސް ކްލަބުގެ މެންބަރުންގެ އިތުރުން ސްޕެއިނުގައި ދިރިއުޅެމުންދާ އެތައް ހާސް ސަޕޯޓަރުން ގުޅިގެންނެވެ. 

އެގޮތުން، ގާތްގަނޑަކަށް 7 ހާހެއްހާ މީހުން އިސްނަގައިގެން އެއްކުރި 130،000 ޔޫރޯ އިން އެ ސްޓޭޗޫ ބެހެއްޓުމަށްފަހު ބާކީ ހުންނަ ފައިސާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ އެސޯސިއޭޝަނަކަށެވެ.

މީގެ ފަސް އަހަރު ކުރީން، އުމުރުން 75 އަހަރުގައި މަރުވި އަރަގޯނޭސް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ، 44 އަހަރުގެ މެދު ކެނޑުމަކަށްފަހު ސްޕެއިނަށް ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން 2008 ވަނަ އަހަރު ހޯދައިދިނުމުންނެވެ. އެ ޓީމުން އެ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް އޭނާގެ އިރުޝާދުގެ ދަށުން ހޯދިއިރު، ޖެހިގެން އައި ބޮޑު ދެ މުބާރާތް ކާމިޔާބުކުރުމުގެ މައިގަނޑު ސަބަބަކަށްވީ އޭރު ގައުމީ ޓީމާއެކު އަރަގޯނޭސް އެޅި ބިންގާއެވެ.

އަރަގޯނޭސްގެ ކޯޗިން ކެރިއަރުގައި ސްޕެއިނުގެ ގައުމީ ޓީމުގެ އިތުރުން ބާސެލޯނާ އާއި އެތުލެޓިކޯ އަށް އިރުޝާދުދީފައިވާއިރު، އޭނާގެ އެންމެ ކާމިޔާބު ދުވަސްވަރު ހޭދަކުރީ އެތުލެޓިކޯގައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ތަފާތު ހަތް މުބާރާތެއްގެ ތަށި ހޯދައިދީފައެވެ. މީގެއިތުރުން، އެތުލެޓިކޯގައި ކުޅުންތެރިއެއްގެ ގޮތުން ހަ މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އެ ކްލަބުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވަނީ ވެސް 172 ގޯލާއެކު އަރަގޯނޭސް އެވެ.                  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.