މިއަދު ބޭނުންވެފައިވަނީ އިސްލާމް ދީނަށްޓަކައި ޤުރުބާންވާން ކެރޭ މީހުނަށް ކަމަށް އީދު ޚުތުބާގައި ބުނެފިއެވެ.
އީދު ޚުތުބާގައި ބުނެފައިވަނީ، ފަހަކަށްއައިސް އިސްލާމްދީނަށާއި ކީރިތި ޤުރުއާނަށާއި މާތް ރަސޫލާއަށް ފުރައްސާކޮށް ބައެއްމީހުން ހިންގާ ޢަމަލުތަކުގެ މައްޗަށް މަންޒަރުތައް ފެންނަމުންދާކަމާއި، މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައިގަނެ އެތަންތަން ފޭރިގަންނަމުންދާކަމާއި، އިސްލާމީ ވެރިންގެ އަބުފުޅަށް އަރައިގަނެ، އިސްލާމީ ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް އެކިކަހަލަ ފިއްތުންތައް ކުރިމަތި ކުރުވަމުންދާކަމަށެވެ.
އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމް ދަރިން މިއަދު ބޭނުންވާކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
"މުސްލިމް ޢިލްމުވެރިންގެ ޤަދަރު ދަނީ ވައްޓައިލަމުންނެވެ. އިސްލާމީ ޔުނިވަސިޓީތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުން. އިސްލާމް ދީން މި ވަނީ އެ ދީނުގެ ވަޠަނުގައި ބީރަށްޓެހި ކޮށްފަ." އީދު ޚުތުބާގައި ވެއެވެ.
ޢީދު ޚުތުބާގައިވަނީ އެމީހަކަށް ލިބިފައިވާ ތަނަވަސްކަމަކުން ފަޤީރުންނާއި، މިސްކީނުންނަށް އެހީވުމަށް ގޮވާލާފައެވެ. އަދި އެހެން މީހުންގެ ޙައްޤުތަކަށް އަރައި ނުގަތުމަށާ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށްވެސް ވަނީ ގޮވާލާފައެވެ.