އީދަކީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ފުރުސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވެފައިވަނީ، އީދުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. ރައީސްގެ މި ޚިތާބުގައި އެމަނިކުފާނުވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ހައްޖާޖީންނަށް އީދުގެ ތަހުނިޔާ ފޮނުވާފައެވެ.
ރައީސް ޞާލިހްގެ ޚިތާބުގައި ވިދާޅުވެފައިވަނީ އީދަކީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ އަގުހުރި ފުރުސަތެއްކަމަށެވެ. އަދި އެކަމަކީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އާއިލީ ވާޖިބެއްކަން ހަނދާނުގައި ބަހައްޓަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އީދަކީ އޭގައި ވަރަށް ފުރިހަމަ އިޖްތިމާއީ މާނަތަކެއް އެކުލެވޭ މުނާސަބަތެއްކަން ފާހަގަކުރައްވާ ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވަނީ، އުފާވެރިކަން ފާޅުކޮށް ތަހުނިޔާއާއި ހެޔޮ އެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި އީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުޅި މުޖްތަމައުގައި އުފާވެރިކަން ފަތުރާލުން ކަަމަށެވެ.