ރާއްޖޭގެ ޒުވާނުންތަކެއް އިސްނަގައިގެން އަވަށްޓެރި ސްރީލަންކާގައި ބާއްވާ އެންމެ ބޮޑު ރޭސިންގ އިވެންޓް، "ކަޓުކުރުންޑާ ސާރކިއުޓް މީޓް 2019" ގައި ބައިވެރިވާން ނިންމައިފިއެވެ.
"ކަޓުކުރުންޑާ ސާރކިއުޓް މީޓް 2019" އަކީ އޭޝިއަން މޮޓޯރ ރޭސިން ކްލަބް (އޭއެމްއާރްސީ)ގެ ފަރާތުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރޭހެކެވެ.
ރާއްޖޭގެ ފަރާތުން އެ ރޭހުގައި ބައިވެރިވާނީ ޔުނައިޓެޑް ރައިޑާސްގެ ފަރާތުން ހޮވާލެވޭ އެތްލީޓުންގެ ޓީމަކުންނެވެ. ޔުނައިޓެޑް ރައިޑާސްއިން އެ ރޭހުގައި ވާދަކުރަނީ ރޭސިންގް އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް އާއި ގުޅިގެން އެ އެސޯސިއޭޝަންގެ އެހީތެރިކަމާއި އެކުގައެވެ.
އެ ހަރަކާތް ކުރިއަށް ދާނީ ލަންކާގެ ކަޓުކުރުންޑާގައި އަންނަ މަހުގެ ހަތް ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. މުޅި ދުނިޔެއަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެތްލީޓުންވެސް ބައިވެރިވެއެވެ.
"ޔުނައިޓެޑް ރައިޑާސް"ގެ މެނޭޖަރ މުހައްމަދު ފިޔާޒް "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ވިދާޅުވީ، އެފަދަ ސަރަހައްދީ ބޮޑު މުބާރާތެއްގައި ރާއްޖޭގެ ޓީމަކުން ބައިވެރިވާ މީ ފުރަތަމަ ފަހަރު ކަމަށާއި، ރާއްޖޭގެ ފަރާތުން ބައިވެރިވާ ޓީމުގެ އުންމީދަކީ ޤައުމު ފަހުރުވެރިކޮށްދޭނެ ފަދަ ރަން ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ރޭހުގައި ވާދަކޮށް، ޤައުމު ފަހުރުވެރިކޮށްދޭނެ ފަދަ ރަން ވަނަތަކެއް ހޯދުން"
ފިޔާޒް އިތުރަށް ވިދާޅުވީ، އެ ރޭހުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އެތްލީޓުންނަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ރަނގަޅު ރޭސިންގ އެތްލީޓުން ކަމަށާއި، އަދި ރާއްޖޭގެ ފެންވަރުގައްޔާއި ބައިނަލްއަޤުވާމީ ފެންވަރުގައި ކާމިޔާބީތައް ހޯދައިފައިވާ އެތްލީޓުން ކަމަށެވެ.
"ކަޓުކުރުންޑާ ސާރކިއުޓް މީޓް 2019" ގައި ރާއްޖެއިން ބައިވެރިވާނީ 600 ސީސީ އާއި 1،000 ސީސީގެ ކެޓަގަރީގައެވެ. މި ރޭހުގައި ރާއްޖެއިން ބައިވެރިވާ ރޭސީންގ އެތްލީޓުންނަކީ، ހަމްދޫން ނަސީރު( އޮމްޕި)، އިސްމާއިލް އައިސަރު (އައިކޮ) އަދި އަހުމަދު ސައީދު (ރާޖު)ގެ އިތުރުން އަހުމަދު ޒަޔާން ޒައިންއެވެ. މި ހަރަތު އެތްލީޓުންގެ އިތުރުން ""ކަޓުކުރުންޑާ ސާރކިއުޓް މީޓް 2019" ގައި ޔުނައިޓެޑް ރައިޑާސްގެ މުގުލުގައި ލަންކާގެ މަޝްހޫރު ރޭސިންގ އެތްލީޓް ޕްރަމުކާ ސެސަތް ބައިވެރިވެރިވާނެއެވެ.
އަހުމަދު ސައީދު (ރާޖު)
މާލެއަށް އުފަން އުމުރުން 31 އަހަރުގެ އަހުމަދު ސައީދަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ރަނގަޅު އެއް ރޭސިންގ އެތްލީޓެވެ. 2012 ވަނަ އަހަރު މަކިޓާ ސްޕީޑުން ރޭސިންގގެ ދުނިޔެއަށް ލޯހުޅުވުން އަހުމަދު ސައީދަކީ ބައިނަލް އަޤުވާމީ މުބާރާތްތަކާއި، ޤައުމީ ފެންވަރުގައި ބޭއްވުނު ބައެއް ރޭސިންގ އިވެންޓުތަކުގައި ބައިވެރިވެ އޭނާގެ ހުނަރު ދައްކާލައިފައިވާ އެތްލީޓެކެވެ.
އަހުމަދު ސައީދު ބައިވެރިވެފައިވާ ބައެއް ރޭސިންގ އިވެންޓްތައް:
- މަޓިކާ ސްޕީޑް 2012 ( 400ސީސީ އަދި 600ސީސީ އިވެންޓް)
- ޕިސްޓަން މޮޓޯ ރޭސިންގ ޗެލެންޖު 2012 ( 400ސީސީ އަދި 600ސީސީ އިވެންޓް)
- އެމްއެމްއާރްއޭ ޗެމްޕިއަން ރައިޑަރ 2013 ( ސުޕަރ ބައިކް އިވެންޓް)
- ޕްރެޒިޑެންސް ޗެލެންޖު 2015 (600 ސީސީ، އަދި 1000 ސީސީ އިވެންޓް)
- ޕިސްޓަން މޮޓޯ ރޭސިންގ ޗެލެންޖު 2015 (750ސީސީ އަދި 1000 ސީސީ އިވެންޓް)
- ޕިސްޓަން މޮޓޯ ރޭސިންގ ޗެލެންޖު 2016 (600ސީސީ އަދި 800ސީސީ އިވެންޓް)
- އެމްއެމްއާރްއޭ ޑްރެގް ޗެމްޕިއަން 2017(600 ސީސީ އިވެންޓް)
ހަމްދޫން ނަސީރު (އޮމްޕި)
ހަމްދޫން ނަސީރު (އޮމްޕި) ރޭސް ޖެހުމަށް އަބަދުވެސް ލޯބިކުރާ އެތްލީޓެކެވެ. ހަމްދޫން ނަސީރު ރަސްމީ ސިފައެއްގައި ރޭސިންގގެ ދުނިޔޭގައު ވިދާލީ، 2013 ވަނަ އަހަރުގެ ތެރޭގައި ބޭއްވުނު ޕިސްޓަން ކަޕުންނެވެ.
ހަމްދޫން ނަސީރު ބައިވެރިވެފައިވާ ބައެއް ރޭސިންގ އިވެންޓްތައް:
- ޕިސްޓަން ކަޕް 2013
- ޕްރެޒިޑެންސް ޗެލެންޖު 2013
- އެމްއެމްއާރްއޭ ރޭސް އިވެންޓް 2014
- ޕިސްޓަން ކަޕް 2015
- އެމްއެމްއާރްއޭ 2016 ޗެމްޕިއަންސިޕް އިވެންޓް
- ދިރާގު ސްޕީޑީ 2018
އިސްމާއިލް އައިސަރު (އައިކޮ)
ރ. މަޑުއްވަރީއަށް އުފަން އުމުރުން 25 އަހަރުގެ އިސްމާއިލް އައިސަރު (އައިކޮ) އަކީ ރޭސް ޖެހުމަށް ހާއްސަ ލޯތްބެއް ޖެހިފައިވާ އެތްލީޓެކެވެ. އިސްމާއިލް އައިސަރަކީ ސައިކަލު ރޫޅާ، ސައިކަލު މަރާމާތު ކުރުމުގެ ދާއިރާގައިވެސް ފުންނާބު އުސް ފަރާތެކެވެ. އައިސަރު ރަސްމީ ސިފައެއްގައި ރޭސިންގގެ ތެރެއަށް ވަނީ 2016 ވަނަ އަހަރު ބޭއްވުނު އެންޑިއުރެންސް އިވެންޓުންނެވެ.
އިސްމާއިލް އައިސަރު ބައިވެރިވެފައިވާ ބައެއް ރޭސިންގ އިވެންޓްތައް:
- އެންޑިއުރެންސް އިވެންޓް 2016 (135ސީސީ އިވެންޓް)
- ޕިސްޓަން ކަޕް 2016 (135ސީސި)
- އެމްއެމްއާރްއޭ ކިކް އޮފް 2018 ( 600 ސީސީ ސުރަޕ ބައިޓް އެންޑް 135 ސީސި އިވެންޓް)
- އެމްއެމްއާރްއޭ ކިކް އޮފް އަންޑަރބޯން އިވެންޓް
- ދިރާގު ސްޕީޑީ 2018 (600ސީސީ އަދި 1000 ސީސީގެ އޯޕެން އިވެންޓް)
އަހުމަދު ޒަޔާން ޒައީމް
އުމުރުން އެންމެ 19 އަހަރުގެ އަހުމަދު ޒަޔާން ޒައީމް ރޭސިންގގެ ދުނިޔެއަށް ލޯހުޅުވުނީ 2018 ވަނަ އަހަރު ބޭއްވުނު ދިރާގު ސްޕީޑީންނެވެ.
އަހުމަދު ޒަޔާން ޒައީމް ބައިވެރިވެފައިވާ ބައެއް ރޭސިންގ އިވެންޓްތައް:
- ދިރާގު ސްޕީޑީ 2018 (150 ސީސީ ކެޓެގަރީ ޑެބިއުޓް)
- މީރަގަމާ ސަރކިއުޓް މީޓް 2019 ސްރީލަންކާ (600 ސީސީ ކެޓަގަރީ)
- މީރަގަމާ ސަރކިއުޓް މީޓް 2019 ސްރީލަން ( 600 ސީސީ ސުޕަރ ބައިކް ޑެބިއުޓް)
ޔުނައިޓެޑް ރައިޑާސް އިން ބުނީ، މިފަހަރުގެ މުބާރާތަކީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބައިނަލްއަޤުވާމީ ބޮޑެތި ރޭސިންގ އިވެންޓުތަކުގައިވެސް އެޓީމުން ބައިވެރިވާނެ ކަމަށެވެ. އަދި އުންމީދަކީ ރާއްޖެ ފަހުރުވެރިވާނެ ފަދަ ރަން ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.